ރަސްމީ ދަތުރުފުޅެއްގައި އަންނަ އާދިއްތާގައި ރައީސް މެލޭޝިޔާއަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުން: -- ފޮޓޯ/ ރައީސް އޮފީސް

ތިން ދުވަހު ރަސްމީ ދަތުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައަވަތަކަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. ރައީސް މި ދަތުރުފުޅު ކުރައްވާނީ އަންނަ އާދިއްތައިން ފެށިގެން ބުދައަށެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ،

މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، އެއްގަޤައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ މައްޗަށް މަޝްވަރާ ކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ޚިޔާލު ބަދަލު ކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރު ކުރެވޭނޭ މަގުތައް ހޯއްދެވުމާމެދު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއި ކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ދަރުހެއް ދެއްވާނެއެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، މަސްލަހަތުތައް ދެނެގަތުމަށް އެ މަނިކުފާނު މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާބާދީގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް