އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަމެއް ޕަލަކްގެ ނެތް

ބަތަލާ ޕަލަކް ތިވާރީ މަންމަ ޝްވޭތާ ތިވާރީއާ އެކު--ފޮޓޯ/ފިލްމުފެއަ

ދާދިފަހުން ބޮލީވުޑަށް ތައާރަފްވި ޓެލެވިޒަން ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކްއަށް މިވަގުތު މުހިއްމު އަމިއްލަ ފިލްމީ ކެރިއަރު ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ޕަލަކްގެ ޒާތީ ދިރިއުޅުމުގެ ވާހަކަ އޮޅުންފިލުވަން މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެކަމަށް އެއްބާރުލުން ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޕަލަކް ވަނީ ބުނެފައެވެ.

މީޑިއާތަކުން ޕަލަކްއަށް ސަމާލުކަން ދޭން ފެށީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާންއާ ޕަލަކްއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރެން ފެށުމާ އެކުއެވެ.

ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ޕަލަކް ބުނެފައި ވަނީ، ޕަލަކް ފިލްމު އިންޑަސްޓްރީއާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވާ ކަމަށާއި ބެލުންތެރިންނަށް ޕަލަކް އެނގެން ބޭނުންވަނީ ފިލްމީ ތަރިއެއްގެ ގޮތުގައި ކަމަށެވެ.

ޕަލަކް އިބްރާހީމްއާ އެކު މިދިޔަ އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރި ދަތުރުގެ ބައެއް ފޮޓޯތައް--ފޮޓޯ/ފިލްމުފެއަ

އަމިއްލަ ފިލްމީ ކެރިއަރެއް އަމިއްލަ މަސައްކަތުން ބިނާކުރުމުގެ ހުވަފެން ދެކެމުން އަންނައިރު އަމިއްލަ ޒާތީ ދިރިއުޅުމާ ގުޅުވައިގެން މީހުންނަށް އޭނާ އެނގެން ބޭނުން ނުވާ ކަމަށް "ދަ ބޫތުނީ"ގެ ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ޒުވާނާ ބުނެފައި ވަނީ އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަ ހިއްސާ ކުރަން ބޭނުންނުވާ އެންމެ ބޮޑު އެއް ސަބަބަކީ އެހެން މީހުންނަށް ދިރިއުޅުމުގެ ކަންކަން ނިންމުމުގެ ފުރުސަތު ދީ ފާޑުކިޔުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ޕަލަކް ވަނީ ބުނެފައެވެ.

ޕަލަކްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ނިންމަނީ މަންމަ ޝްވޭތާއާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ކަމަށް ޕަލަކް ވަނީ ބުނެފައެވެ.

ޕަލަކް އާއި އިބްރާހީމްގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ ދެ މީހުން އެކީގައި އެކި ހަފްލާތަކުން އެކީގައި ފެންނަ މަންޒަރު ގިނަވާން ފެށުމުންނެވެ.

ޕަލަކް އާއި އިބްރާހީމްގެ ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ދެ މީހުން އެއްބަސްވެފައިނުވާއިރު މިދިޔަ އަހަރު ދެ މީހުން އެކީގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ވެސް ވަނީ އައިސްފައެވެ.

comment ކޮމެންޓް