ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅެން ހަމަޖެހިފައިވާ "ޑޮން 3"ގެ ލީޑް ބަތަލާގެ ރޯލަށް ކްރިތީ ސެނޮން ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުން "ޑޮން 3"ގެ ލީޑް ބަތަލާގެ ރޯލަށް ކްރިތީ ވަނީ މިހާރު އެއްބަސްވެފައެވެ. މިކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި ރަސްމީކޮށް ކްރިތީ ވަރަށް އަވަހަށް ފިލްމަށް ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "މިމީ"އިން 2023ވަނަ އަހަރު ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާ "ޑޯން 3"ގެ ލީޑް ބަތަލާގެ ރޯލަށް އެއްބަސްވެފައިވާއިރު މި ދެ ތަރިންގެ އިތުރުން ބަތަލާ ޝަރުވަރީ ވެސް މި ފިލްމުގެ ރޯލަކަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޑޯން 3"ގެ ލީޑް އެކްޓަރު ރަންވީރު ސިންގް އަދި ޑައިރެކްޓަރު ފަރުހާން އަހްތަރު--ފޮޓޯ/ފިލްމުފެއަ
ޕިންކްވިލާގައި ބުނެފައިވާ ގޮތުން ކްރިތީ "ޑޮން 3"ގައި ކުޅެން ހުށަހަޅާފައި ވަނީ އެ ފްރެންޗައިސްގެ އެންމެ ވަރުގަދަ ކެރެކްޓާ ރޯމާގެ ރޯލެވެ.
އެ ރޯލަށް ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަޚުތަރާއި ޕްރޮޑަކްޝަން ޓީމުން ބޭނުންވަނީ ވެސް ތަޖުރިބާހުރި ބަތަލާއެއް ކަމަށާއި ކްރިތީ ސެނޮންއަކީ އެ ރޯލަށް އެންމެ ފިޓުވާ ބަތަލާ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
ފިލްމު "ޑޮން 3" އުފައްދާނެކަން އިއުލާނުކޮށްފައި ވަނީ 2023ވަނަ އަހަރުއެވެ. ރަންވީރު ސިންގްއާ އެކު ފިލްމުގެ ބަތަލާގެ ރޯލަށް އެންމެ ފުރަތަމަ ގެންނަން ނިންމީ ކިއާރާ އަދުވާނީއެވެ. ނަމަވެސް ދާދިފަހުން ކިއާރާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރުމާ އެކު ދެން އިވުނީ "ޑޮން 3"ގެ ރޯލް ބަތަލާ ދޫކޮށްލި ކަމުގެ ޚަބަރެވެ.
ފަރުހާން އަޚްތަރު 10 އަހަރު ފަހުން ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނާނެ މި ފިލްމަކީ އިންޑިއާގެ އެންމެ ކާމިޔާބު ފިލްމީ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އަދި ޝާހްރުކް ޚާން "ޑޮން"ގެ ރޯލްގެ ގޮތުގައި މަޝްހޫރުވި ފްރެންޗައިސްއެކެވެ.