ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން މީހާގެ ހާދިސާއާ ގުޅުންހުރި ބަޔަކު، މަސްތުވާތަކެއްޗަށް ތަހުލީލުުކުރަން ކުޑަކަމުދާ ތަކެތި ދީފައިނުވާތީ، އެ މީހުންގެ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފިއެވެ.
މިމަހުގެ 18ވަނަ ދުވަހު ފުރާޅެއް މައްޗަށް ވެއްޓިފައި އޮތްވައި ފެނުނީ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއެވެ.
އެ މައްސަލައިގައި ޝާމިލުވާ އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ މިހާތަނަށް ހާމަކޮށްފައެެވެ. އެއީ:
-
އައިޝަތު ލަޔާލީ އިގުބާލް
-
ރައުދު އަޙްމަދު ޒިލާލް
-
އިޒްދިޔާން މުހައްމަދު މައުމޫން
-
ޔޫސުފް އަހުމަދު އަކްރަމް
-
ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
-
އާމިނަތު ޖުނައިރާ ޖަމްޝީދު
-
ހުސައިން ހަމީސް އަލީ
-
އިޖާޒް ޖާއިޒް
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ހިއްސާކުރި މައުލޫމާތުގައިވަނީ، އެ ހާދިސާގައި ޝާމިލުވާ ދެ މީހަކު ފުލުހަށް ހާޒިރުކޮށް، ކުޑަކަމުދާ ތަކެތި ދޭން އެދުމުން އެކަމަށް އެ މީހުން އިންކާރު ކުރި ކަމަށް ބުނެފައެވެ.
މަސްތުވާތަކެއްޗަށް ތަހުލީލުކުރުމަށް ފުލުހުން ކުޑަކަމުދާތަކެތި ދޭން އެދުމުން، އިންކާރު ކުރުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން ކުށެކެވެ.
ގާނޫނުގައި އެފަދައިން ބުނެފައި އޮތްއިރު، ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހެދި މީހުންނަށް ފިޔަވަޅު އަޅައިފައިނުވާތީ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑުކިޔައިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން އިރުޝާދުތަކެއް ބުރާސްފަތި ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގުކުރުމަށް އަންގައިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ހާދިސާ ހިނގި ރޭ މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ޔުމްނުއާއި އިތުރު ތިން މީހަކު ސްޓެލްކޯ ކައިރީގައި ގެއަކަށް 4 ޖަހަން އުޅެނިކޮށް ދިޔައެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.
އެއަށްފަހު ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއަށެވެ. އެ ހާދިސާ ހިނގީ އެ ގޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ޖުމުލަ ނުވަ މީހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި ހިމެނޭ ރައުދު ހައްޔަރުކޮށް، އިއްޔެ ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ. ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ މި މައްސަލައިގައި ފުލުހުން ހާމަނުކުރާ މުހިންމު ވާހަކަތަކެއް ބަޔާންކޮށްފައެވެ.
އެގޮތުން އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ބުނެފައެވެ.
އަދި ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށް ބުނެ "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ވަނީ ބުނެފައެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ، އާންމުން އަންނަނީ ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރަމުންނެވެ.