ގަޑިއިރެއް ތެރޭ އެކްޓިން ކޮމިޝަނަރުކަން ފަރުހާދު އަތުން ނަގައި ނަވީނަށް

ނަވީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން ރައީސް އިސްތިއުފާ ގަބޫލުކުރެއްވިކަން ހާމަކުރެއްވީ މިރޭ 7:42 ހާއިރެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓްވީޓަކުންނެވެ.

އެއަށްފަހު ހޯމް މިނިސްޓަރު އަލީ އިހުސާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފަރުހާދު އައްޔަން ކުރެއްވި ކަމަށެވެ. ނަމަވެސް، ގަޑިއިރެއް ފަހުން އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ، މިވަގުތު ފުލުހުންގެ މުއައްސަސާއިން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށެވެ.

އެ މިތަހުޤީގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނެވީ ޑީސީޕީ ނަވީންކަމަށް ވާތީ ސީޕީގެ މަގާމަށް މީހަކު އައްޔަން ކުރެވެންދެން އެ މަގާމަށް ވަގުތީ ގޮތުން ނަވީން ކަނޑައަޅައިފައި ވާކަމަށް އެ ޓްވީޓުގައި ވެއެވެ.

ޝުޖާއު އިސްތިއުފާ ދެއްވާފައި ވާއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ބުނެ ޒުވާނުން ދަނީ ކޮންމެ ރެއަކު މަގުމައްޗަށް އެއްވެ އަޑު އުފުލަމުންނެވެ. މި އަޑުއުފުލުމުގައި ކޮމިޝަނަރު ޝުޖާއު އާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވަނީ ގޮވައިލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް