މި މަހުގެ 18ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި، ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ކުރަމުން އަންނަ އިހުތިޖާޖު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމުން ވެސް ހުއްޓާނުލާ ކުރިއަށްގެންގޮސްފިއެވެ.
މި މުޒާހަރާ ސިލްސިލާކޮށް ކުރިއަށް ގެންދާއިރު، މި މުޒާހަރާގައި ގޮވައިލަނީ ސީޕީގެ މަގާމުގައި ހުުރި ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދެއްވުމަށެވެ.
ޒުވާނުންގެ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ:
- އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުން
- ތުހުމަތުކުރެވޭ ހުރިހާ އެންމެން ހައްޔަރުކޮށް، އަދަބު ދިނުން
- ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލުނު ސަބަބު ސާފުކޮށްދިނުން
- ތަހުގީގަށް ހޯދުނު ހުރިހާ ހެކިތައް ހާމަކުރުން
- ފުލުހުންގެ ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުން
- ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާދިނުން
- ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއި ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މަގާމުން އިސްތިއުފާދިނުން
މި އަޑުތައް ގަދަވެފައި ވަނިކޮށް، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޝުޖާއު އިސްތިއުފާ ދެއްވީ މިރެއެވެ.
މުޒާހަރާގައި ބައިވެރީން ވަނީ ޔުމްނުގެ އާއިލާއާ ޒުވާނުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މައާފަށް ގޮވާލާފައެވެ. އަދި، ޑިމާންޑުތަކުގެ ލިސްޓު ހިފައިގެން ރައީސް އޮފީހަށް ނުދާނެ ކަމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.
މުޒާހަރާތައް ކުރިއަށް ދާއިރު، ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން ވެސް މެމްބަރުންތަކެއް ވަނީ އިސްތިއުފާ ދީފައެވެ.