ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖޭއެސްސީން ބަލައި ނިންމައިފައިވާ މައްސަލައިގައި، ގޮތެއް ނިންމުމުގެ ކުރިން، ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި އޭނާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެދިވަޑައިގެންފިއެވެ.
އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީން ބަލައި މައްސަލަ ނިމި، ތަހުގީގު ކޮމިޓީން ލަފާ ދީފައިވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށެވެ.
އެކަމާ ގުޅިގެން އަޒްމިރަލްދާ ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ވަނީ އޭނާއާ މެދު ކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން އޭނާގެ ބަސް އިއްވުމަށް ފުރުސަތު ދިނުމަކީ އިންސާފުގެ ހަމަތަކުން ކޮންމެހެން ވެސް ކުރުން މުހިންމު ކަމެއް ކަމަށެވެ. އެހެންވެ ކޮމިޝަންގެ ތަހުގީގު ރިޕޯޓާ ގުޅިގެން، އޭނާ ޖޭއެސްސީއަށް ހުށަހަޅަން ބޭނުންވާ ކަންކަން، ގާނޫނީ ވަކީލާއެކު ހުށަހަޅަން ފުރުސަތު ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ހަމައެއާއެކު އެ ކަންކަން ހުށަހެޅުމަށް ޓަކައި ބާއްވާ އަޑުއެހުން އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށް ވެސް އަޒްމިރަލްދާ ވަނީ ޖޭއެސްސީގައި އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އަޒްމިރަލްދާ ވަނީ ކޮމިޝަންގެ ތަހުގީގު ރިޕޯޓާ ގުޅިގެން ހިންގާ އެއްވެސް އިޖުރާއަތެއްގައި ކޮމިޝަންގެ މެންބަރުން ކަމަށްވާ، ޔަޒްމީދު މުޙައްމަދާއި، މުޙައްމަދު ނާސިހާއި، އަލީ އަބްދުއްލަތީފާއި، އެޓާނީ ޖެނެރަލް އަހްމަދު އުޝާމަށް ބައިވެރިނުވެވޭނެ ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
އަޒްމިރަލްދާ، މަހާޒް އަދި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް ވެސް ކުރިއަށް ގެންދެއެވެ. އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ، މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލައިގައި، މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާ މައްސަލަ ބަލައި ނިމުނުއިރު ކޮށްފައި އޮތް ތުހުމަތު ތަފާތުކަން އޭނާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ކުރިން ވިދާޅުވެފައިވެއެވެ.
އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ޝަމީލް ވިދާޅުވީ ކޮމިޓީން މައްސަލަ ބަލައި ނިންމީ ހަގީގަތަ ޚިލާފަށް ކަމަށެވެ.
އަދި، ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީގައި ރައީސް އައްޔަންކުރައްވާ ދެ ބޭފުޅުން ތިއްބަވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފަނޑިޔާރުގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ސީދާ ރައީސް އައްޔަނުކުރައްވާ ދެބޭފުޅުން ކަމަށް ވިދާޅުވިއެވެ.