ރައީސް މުއިއްޒު މެލޭޝިޔާއަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

މިއީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް އެ މަނިކުފާނު ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފު ވެސްމެއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު، މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތް ކުރައްވައި އެ ޔުނިވަސިޓީގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނެއެވެ.

އަދި އެ ރަސްމިއްޔާތުގެ ތެރެއިން ރައީސަށް އެ ޔުނިވާސިޓީގެ އެންމެ މަތީ އެއް ޝަރަފު ކަމަށްވާ، އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ޔުނިވާސިޓީގެ އެކި ކޮމެޓީތަކުގައި ދިޔައީ މަޝްވަރާ ކުރަމުންނެވެ.

ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެދި, އެ ތަނުން ދަސްވެނިވި 10 ދިވެހި ދަރިވަރުން ވަނީ ވަކި ވަކިން ޔުނިވާސިޓީއަށް ސިޓީ ފޮނުއްވައިފައެވެ.

އޭގެ ތެރޭގައި ދާދިފަހުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި, ހުސްނުއްސުއޫދާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވެސް ވެސް ހިމެނިވަޑައިގަންނަވައެވެ.

https://sun.mv/205241

މީގެ އިތުރުން މެލޭޝިޔާގައި ކިޔަވަމުންދާ ބައެއް ދިވެހި ދަރިވަރުން ވެސްވަނީ، ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުންތަކުގެ ސަބަބުން ރައީސް މުއިއްޒާ ބައްދަލު ނުކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ.

އެއީ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ސަރުކާރުންނާއި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ޔުމްނަށް އިންސާފު ހޯދައިދޭން އަޑުއުފުލާ ޒުވާނުންނާއެކު ދެމިތިބުމުގެ ގޮތުންނެވެ.

ރައީސް އޮފީހުން ބުނީ، އިކޮނަމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެން، މެލޭޝިއާގެ އިސް އިންވެސްޓަރުންނާ ވެސް އެ މަނިކުފާނު ބައްދަލު ކުރައްވާނެ ކަމަށެވެ.

މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވެއެވެ.

comment ކޮމެންޓް