ކަންކަން ރަނގަޅުކޮށް، އެ ބޭނުންވާ ކަންކަން ހާސިލްކުރަން އެދޭނަމަ، އެ މަނިކުފާނުގެ ގާތަށް އައިސް އެ ވާހަކައެއް ދެއްކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިޔާއަސް ފުރާވަޑައިގަތުމުގެ ކުރިން، ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ހައްވާ ޔުމްނު ރަޝީދު މައްސަލައާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިފައި އޮތް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.
ރައީސް މެލޭޝިޔާއަށް ފުރާވަޑައިގަތްއިރު، އެ ގައުމުގައި ކިޔަވަމުންދާ ބައެއް ދިވެހި ދަރިވަރުންވަނީ ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުންތަކުގެ ސަބަބުން ރައީސް މުއިއްޒާ ބައްދަލު ނުކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ. އެއީ ޔުމްނުގެ މައްސަލައިގައި ސަރުކާރުންނާއި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ޔުމްނަށް އިންސާފު ހޯދައިދޭން އަޑުއުފުލާ ޒުވާނުންނާއެކު ދެމިތިބުމުގެ ގޮތުންނެވެ.
މި ކަމާ ގުޅިގެން ރައީސް ވަނީ އެ މައްސަލައިގައި ޒުވާނުންގެ މެދުގައި އުފެދިފައި އޮތް ކަންބޮޑުވުންތަކަށް އިހްތިރާމްކުރައްވާކަން ފާހަގަ ކުރައްވައިފައެވެ. އެހެން ނަމަވެސް ޒުވާނުންގެ ޝުއޫރުތަކުގެ ބޭނުން، ސިޔާސީ މީހުން ނާޖާއިޒު ގޮތުގައި ނަގަމުންދާ ކަމަށް ވިދާޅުވެ، އެ ކަމަށް ސަމާލުވުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
"އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑު މިއީ ކަންކަން އަޑު އެހުމުގައި ފަހަތަށް ޖެހޭނެ މީހެއް ނޫނޭ. އަޅުގަނޑަކަށް އުނދަގުލެއް ނުވާނޭ ކިތަންމެ ހިތްހަމަނުޖެހޭ އެއްޗެއް ވިޔަސް އަޑުއަހާކަށް... އަޅުގަނޑު ވާހަކަ ދައްކާނީ ސިވިލައިޒްކޮށޭ، އަޅުގަނޑު ޖަވާބުދޭނީ ވެސް ހަމަ ސިވިލައިޒްކޮށޭ، އަދި އަޅުގަނޑު ކަންކަން ކުރާނީ ވެސް ސިވިލައިޒްކޮށޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ތަފާތު ކުރުމެއް ނެތި، އިންސާފުގެ މަގުން ކަންތައް ކުރާ ސަރުކާރެކެވެ. އަދި އެ ކަމަށް ހުރަސް އަޅާނެ މީހަކު ވެސް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އިންސާފު ހޯދުމުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ވާހަކަ މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވިއެވެ.
ރައީސް މުއިއްޒު މިއަދު މެލޭޝިޔާއަށް ވަޑައިގަތްއިރު، ޔުމްނު ގޮވައިގެން އޭނާގެ އާއިލާއިން މެލޭޝިޔާއަށް ފުރީ ރެއެވެ.
ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ޔުމްނު ފެނުނީ މި މަހުގެ 18ވަނަ ދުވަހު ހެނދުނެވެ. އެ ކަން ފުލުހަށް އެންގީ ވެސް އާންމުންގެ މީހެކެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާއެއް ފަށައިފައެވެ. އެ މީހުން ޑިމާންޑު ކުރަނީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ އިންސާފު ގާއިމްކޮށްދިނުމާއި، އިހުމާލުވީ ކަމަށް ތުހުމަތުވާ ސަރުކާރުގެ ސިޔާސީ މީހުން މަގާމުން އިސްތިއުފާ ދިނުމަށެވެ.
އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހިމެނެއެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފައެވެ.