ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން ރޭ އަތުލައިގެންފިއެވެ.
މި ސިނގިރޭޓުތައް ކަސްޓަމަސްއިން އަތުލައިގަތީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޕްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ކަސްޓަމްސްއަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.

ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ސިނގިރޭޓު ކޭހެއް ---- ފޮޓޯ/ ކަސްޓަމްސް
ކަސްޓަމްސްއިން ބުނީ، އެ ޝިޕަމަންޓު ބަލާފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނާ ތެރެއިން 1،360 ކޭސް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ފެނުނު ކަމަށެވެ.
އެގޮތުން، ޝިޕްމަންޓުގައި ހިމެނޭ ބްރޭންޑުތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، އަތުލައިގަނެވުނު ސިނގިރޭޓުތަކުގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ލަފާކޮށްފައެވެ.

ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ސިނގިރޭޓު ޝިޕްމަންޓު ---- ފޮޓޯ/ ކަސްޓަމްސް
ކަސްޓަމްސްއިން ބުނީ، އަތުލައިގަތް ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އެ ބާވަތްތައް ޕެކެޓުކޮށް ބަންދުކުރުމާ ލޭބަލްޖެހުމުގެ ހުއްދަ ދޫކުރުމާ ޚިލާފަށް އެތެރެކުރި ތަކެތި ކަމަށެވެ.
މި މައްސަލަ ކަސްޓަމްސްއިން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250އަށް އަރައިފައެވެ.
ސިނގިރޭޓުން އިތުރަށް ނަގާ ޑިއުޓީން ލިބޭ އާމްދަނީން ބައެއް ޚަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން މި ސަރުކާރުން ފުޅާކުރި ސެޒޭޝަންގެ ފަރުވާ ހިމެނެއެވެ.