އީރާން ސަރުކާރުން ބޮޑު ސައިބާ ހަމަލާއެއް ހުއްޓުވައިފިކަމަށް އެ ގައުމުން ބުނެފިއެވެ.
އީރާނުގެ އިންފްރާސްޓްރަކްޗާ ކޮމިޔުނިކޭޝަންސް ކުންފުނީގެ ވެރިޔާ ބެހްޒަދް އަކްބަރީ ވިދާޅުވި ގޮތުގައި އިއްޔެ އެ ގައުމަށް އަމާޒުކޮށްފައިވާ ބޮޑު ސައިބާ ހަމަލާއެއް ހުއްޓުވުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވެފައެވެ.
"ގައުމުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށްފައިވާ އެންމެ ފުޅާ އަދި ކޮމްޕްލެކްސް ސައިބާ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ދެނެގަނެވި، އެކަމާ ގުޅޭ ގޮތުން ދިފާޢީ ފިޔަވަޅުތައް އަޅައިފައިވޭ،" އަކްބަރީ ވިދާޅުވިއެވެ.
އެ ހަމަލާއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމަނުކުރައްވައެވެ.
މި ހަމަލާ އައިސްފައިވަނީ، އީރާނުގެ އެންމެ މުހިންމު ބަނދަރުކަމަށްވާ ބަންދަރު އައްބާސްގައި މިދިޔަ ހޮނިހިރު ދުވަހު ބޮޑު ގޮވުމެއް ގޮވައި، އެތައް ގެއްލުންތަކެއް ލިބުނު ފަހުންނެވެ. އަދި، އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ގޮތުން އެ ގައުމާއި އެމެރިކާއާ ދެމެދު މި އަހަރު ތިން ވަނަ ފަހަރަށް މަޝްވަރާތައް ބޭއްވިތާ ވެސް އެއް ދުވަސް ފަހުންނެވެ.
ބަންދަރު އައްބާސްގައި ރައްކާކޮށްފައި ހުރި ކެމިކަލްތަކުގެ ސަބަބުން، ގޮވުމާ ގުޅިގެން ލިބުނު ގެއްލުންތައް ބޮޑުވި ނަމަވެސް، ގޮވުމުގެ ސަބަބެއް އަދިވެސް ސާފުވެފައެއް ނުވެއެވެ.
އެ ގޮވުން ގުޅިފައިވަނީ އީރާނުގެ މިސައިލްތަކަށް ބޭނުންކުރާ ސޮލިޑް ފިއުލްއާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް އީރާނުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
މީގެ ކުރިން އީރާނުން ވަނީ އެފަދަ ސައިބާ ހަމަލާތައް އިސްރާއީލުން ދޭ ކަމަށް ތުހުމަތުކޮށްފައެވެ.
އެ ތުހުމަތުކޮށްފައިވާއިރު، އިއްޔެ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ މުޅިން ނައްތާލެވެންޖެހޭނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
ދެހާސް އެކާވީސް ވަނަ އަހަރާއި 2023 ވަނަ އަހަރު އީރާނުގެ ޕެޓްރޯލް ސްޓޭޝަންތަކަށް އަމާޒުކޮށް ބޮޑު ސައިބާ ހަމަލާތަކެއް ދީފައިވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރު ދިން ހަމަލާގައި އީރާނުގެ ޕެޓްރޯލް ސްޓޭޝަންތަކުގެ ތެރެއިން 70 ޕަސެންޓް ސްޓޭޝަނުގެ މަަސައްކަތަށް ބުރޫ އެރިއެވެ.
އެ ހަމަލާތަކަކީވެސް އިސްރާއީލުން ރާވައިގެން ދިން ހަމަލާތައް ކަމަށް އީރާނުން ތުހުމަތުކުރެއެވެ.