ދުންފަތުގެ އެކި ވިޔަފާރިތައް ކުރާ މީހުން ލައިސަންސް ނަގަން ތިން މަހުގެ މުއްދަތެއް ހެލްތު މިނިސްޓްރީން ދީފިއެވެ.
އެގޮތުން، މިނިސްޓްރީން މިހާރު ވަނީ ހަތަރު ވައްތަރެއްގެ ލައިސަންސް ނަގަން އެޕްލިކޭޝަން ހުށަހަޅަން ހުޅުވައިލާފައެވެ. އެއީ:
- ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް އިންޕޯޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރުމުގެ ލައިސަންސް
- ދުންފަތުގެ އާ ބާވަތެއް ރެޖިސްޓްރީކުރުން
އެ ލައިސަންސްތަކަށް ފީ ދެއްކުމުން މިނިސްޓްރީން ލައިސަންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށްވާއިރު، ލައިސަންސް އާކުރަން މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން އެކަމަށް ހުށަހަޅަން ޖެހެއެވެ.
އެ ޚިދުމަތްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އެޕްލިކޭޝަން ހުށަހެޅެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު މައްސަލައެއް ދިމާވެއްޖެ ނަމަ ގުޅާނީ 1500 އަށެވެ. އަދި، [email protected]vއަށް މެއިލް ވެސް ކުރެވޭނެއެވެ.
އެއާއެކު، މިނިސްޓްރީން ވަނީ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ދޫކުރާ ހުއްދަތަކުގެ ލައިސަންސް ފީތައް ވެސް ކިޔައިދީފައެވެ. އެގޮތުން،
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކުމަށް ދޫކުރާ ލައިސަންސާއި އެ ބާވަތުގެ ލައިސަންސް އާކުރަން 5،000 ރުފިޔާ ދައްކަން ޖެހެއެވެ.
އިތުރު ލައިސަންސްތަކަށް ދައްކަން ޖެހެނީ 10،000 ރުފިޔާއެވެ. އެ ލައިސަންސްތަކަކީ:
- ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓުކުރާ ފަރާތްތަކަށް ދޭ ލައިސަންސް ހެއްދުމާއި އާކުރުމަށް
- ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރާ ފަރާތްތަކަށް ދޭ ލައިސަންސް ހެއްދުމާއި އާކުރަން
- ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސަންސް ހައްދައި އާކުރަން
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާ އެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން، ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250އަށް އަރައިފައެވެ.
ސިނގިރޭޓުން އިތުރަށް ނަގާ ޑިއުޓީން ލިބޭ އާމްދަނީން ބައެއް ޚަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން މި ސަރުކާރުން ފުޅާކުރި ސެޒޭޝަންގެ ފަރުވާ ހިމެނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް، 492 މީހުން ސެޒޭޝަނުގެ ޚިދުމަތް ހޯދާފައެވެ.
އަދި، 2007އިން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރެޓު މަނާކުރުމަށްޓަކައި 'ޖެނެރޭޝަނަލް ބޭން'އެއް ތަންފީޒުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.