މިއަހަރު ސިނަމާއަށް ނެރެން ހުރީ ގިނައިން ބިރުވެރި ފިލްމު

ހޮލީވުޑް އިން މި އަހަރުގެ ސަމާ ނުވަތަ އަހަރުގެ މެދުތެރޭގެ ބޮޑު ބަންދާ ދިމާކޮށް ގިނަ ފިލްމުތަކެއް އެޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ކްރިޓީކުން ބުނަނީ މިފަހަރު ބިރުވެރި ފިލްމު މާ ގިނަ ވެއްޖެ ކަމަށެވެ.

މި ފަހަކަށް އައިސް ބޮކްސް އޮފީހާއި ކްރިޓީކުންގެ މެދުގައި ވަނީ ސުޕަހީރޯ ފިލްމުތައް ބެލުން ފޫހިވާ ކަމަށް ފާހަގަކޮށްފައެވެ. މިއީ މީގެކުރީން އަބަދުވެސް ބޮކްސް އޮފީހުގައި އެންމެ ބޮޑެތި ހިޓުތަކަށް ވާ އެއްޗެއްސެވެ. އެއާއެކު ކުންފުނިތަކުން އަންނަނީ ތަފާތު ޖޯންރާތައް އުފެއްދުމުގެ މަސައްކަތް ކުރަން ފަށާފައެވެ.

އެއާއެކު މިދިޔަ އަހަރުން ފެށިގެން ވަނީ ހިޓު ގިނަ ބިރުވެރި ފިލްމުތައް ފެންނަން ފަށާފައެވެ. ތަފާތު އެކި ކޮންސެޕްޓްތަކުގެ ގިނަ ބިރުވެރި ފިލްމުތައް ވަނީ ކްރިޓީކުންގެ މެދުގައި މަގުބޫލުވެފައެވެ. ނަމަވެސް މިއަހަރު މިއޮތީ ބޮކްސް އޮފީހުގައި ހުސް ބިރުވެރި ފިލްމު ފުނިޖަހާލަން ރެޑީވެފައެވެ.

މިއަހަރުގެ މެއިން ފެށިގެން ޖުލައި މަހާ ދެމެދުގައި ގިނަ ބިރުވެރި ފިލްމުތަކެއް އެޅުވުމަށް ވަނީ ތާވަލުކޮށްފައެވެ. މިވަގުތު ބޮކްސް އޮފީހުގައި ވެރިކަން ކުރަމުން އަންނަ ރާޔަން ކޫގްލާގެ "ސިނާސް" އަކީވެސް ބިރުވެރި ޖޯންރާގެ ފިލްމެކެވެ.

ތާވަލުތަކުން ދައްކާގޮތުގައި ބޮޑެތި ކުންފުނިތަކުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ގިނަ ބިރުވެރި ފިލްމުތަކެއް ރިލިޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޔުނިވާސަލް އިން އެކަނިވެސް ވަނީ ހަތް ބިރުވެރި ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު "ނިއޯން" އިން ވަނީ ފަސް ފިލްމެއް ނެރުމަށް ހަމަޖެހިފައެވެ. މުޅި އަހަރަށް ބަލާއިރު މިއަހަރު އެކަނިވެސް 23 ބިރުވެރި ފިލްމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ނެރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑެތި ފިލްމުތަކުގެ ތެރޭގައި "28 އިޔާސް ލޭޓާ" އާއި "އަންޓިލް ޑޯން" ފަދަ ފިލްމުތައް ހިމެނެއެވެ.

މި ފިލްމުތަކަކީ ބޮޑެތި ސުޕަހީރޯ ފިލްމުތަކަށްވުރެ ކުޑަ ބަޖެޓެއްގައި ތައްޔާރުކޮށްލެވޭ ބިރުވެރި ފިލްމުތަކަކީ ބޮޑު އާމްދަނީއެއް ހޯދާލެވިދާނެ ފިލްމުތަކެކެވެ.

ނަމަވެސް މިއަހަރު ގިނަ އަދަދެއްގެ ބިރުވެރި ފިލްމުތައް ތާވަލުކޮށްފައި ވުމަކީ ޖޯންރާ މަތީން ގިނަ ބަޔަކު ފޫހިވާން މެދުވެރިވެދާނެ ކަމެއް ކަމަށް ބައެއް ކްރިޓީކުން ބުނެއެވެ. އެއާއެކު އެންމެ އެކަށީގެންވާ ރޭޓިންތަކާއި ރިވިއުތައް ވެސް މި ފިލްމުތަކަށް ނުލިބުން އެކަށީގެންވެއެވެ.

comment ކޮމެންޓް