ޓޫރިޒަމާއި ހޮސްޕިޓާލިޓީން އެއްބާރުލުން ދިނުމަށް އޮސްޓްރޭލިއާގެ ސުކޫލަކާއެކު އެމްއެންޔޫއިން ސޮއިކޮށްފި

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ހޮސްޕިޓާލިޓީއާއީ ޓޫރިޒަމްގެ ދާއިރާގައި ދިރާސާތަކާއި ދަރިވަރުންގެ މޮބިލިޓީ އިތުރުކުރަން އެއްބާރުލުން ދިނުމަށްޓަކައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓްޑީސް (އެފްއެޗްޓީއެސް) އާއި ސަދަން ކޮރޮސް ޔުނިވާސިޓީގެ ދަށުން ހިންގާ ދަ ހޮޓެލް ސުކޫލު އެސްޓްރޭލިއާ (ޓީއެޗްއެސްއޭ) އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ސެހެނާޒާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

މި އެމްއޯޔޫގެ ސަބަބުން ގިނަ ކަންތައްތަކަށް މަގުފަހިވާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ. އޭގެތެރޭގައި،

  • ހޮސްޕިޓާލިޓީއާއި ޓޫރިޒަމް މެނޭޖުމަންޓުގެ ދާއިރާގައި އެކަޑަމިކް އަދި ދިރާސާގެ މަސައްކަތްތައް ގުޅިގެން ކުރެވުން
  • އެކި ސަގާފަތްތަކާއި އެ ކަމާ ގުޅުން ހުރި އަމަލީ ތަޖުރިބާ ހޯދުމަށް ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް ޕްރޮގްރާމުތައް ހިންގުން
  • ދެ ފަރާތުން ގުޅިގެން އޮންލައިން ސެމިނާތަކާއި ޚާއްސަ ލެކްޗަރާތައް ބޭއްވުން
  • މޮބިލިޓީ ޕާތްވޭތައް ފުލާކުރުމަށާއި ޑުއަލް ޕްރޮގްރާމްތަކަށް މަގުފަހި ކުރުމަށް މަންހަޖުތައް އެއްގޮތް ކުރުން

މި ރަސްމިއްޔާތުގައި ޑރ. ޝެހެނާޒް ވިދާޅުވީ، މި އެމްއޯޔޫއަކީ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ ދާއިރާގައި ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކާ ރާއްޖޭގެ މަތީ ތައުލީމު ގުޅުވައިދިނުމަށް ކުރާ މަސައްކަތުގެ ނިޝާނެއް ކަމަށެވެ.

ބައިނަލްއަގުވާމީ ހާމަކަމާއި އެކަޑަމިކް ކަންކަމުގައި އެއްބާރުލުން ދިނުމުގެ ފުރުސަތުތަކުގެ ތެރެއިން ރާއްޖޭގެ ހޮސްޕިޓާލިޓީގެ ފެންވަރު މަތިކުރުމަކީ މި އެމްއޯޔޫގެ މަގުސަދެއް ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

comment ކޮމެންޓް