އެއްވެސް ދެ މީހަކަށް އިންކާރު ނުކުރެވޭ ވަރަށް ދުނިޔެއިން ފެންނަ ހަމައެކަނި ޙަޤީޤަތަކީ ދިރުމާއި މަރުވުމެވެ. ކޮންމެ ދުވަހަކު އެތައް ފުރާނައެއް ދުނިޔެއަށް ނޭވައިލައެވެ. އަދި އެތައް ފުރާނައެއް މި ދުނިޔެއާ އަލްވަދާއުކިޔައެވެ. އުފަންވުމަކީ މަރުޙަބާކިޔޭ އުފާވެރި ޙަފުލާއެކެވެ. މަރުގެ ވާހަކަ ކޮންމެ މީހަކަށް ވެސް ވެގެންދަނީ ހިތާމަވެރި ޚަބަރަކަށެވެ. ގެނުވަނީ މާޔޫސްކަމެވެ. އެހެނެއްކަމަކު ދުނިޔޭގެ މަޝްޣޫލު ޙަޔާތުގައި އުޅޭއިރު ޤަބޫލުކުރަން އެންމެ ދަތި ޙަޤީޤަތަކީ ކޮންމެ މީހަކު ވެސް މަރުވާނެ ކަމުގެ ވާހަކައެވެ. މި ޙަޤީޤަތް އޭނާގެ ލޯމަތީ ތަކުރާރުވާތަން ތާއަބަދު ފެންނައިރު ވެސް، މިއާމެދު ވިސްނާ ތަދައްބުރުކުރަނީ ވަރަށް މަދުބައެކެވެ.
މަރުގެ ޚަބަރައިގެން އަންނަ ކޮންމެ މީހެއްގެ އެ ވާހަކައިން މީހުންނަށް ހުއްޓުން އާދެއެވެ. ޙަޔާތުގެ ހަމަހިމޭންކަން ހިނދުކޮޅަކަށް ނަމަވެސް އިޙުސާސްކުރެވެއެވެ. ތިމާގެ ވަގުތާމެދު ޚިޔާލުކުރެވެއެވެ. އަދި ހަމައެހެންމެ "ތިމާގެ ޢަމަލުތަކުގެ ވަޒަން ހުރީ ކޮންފަޅިއަކަށް ބަރުކޮށް ބާވައެވެ؟" ހިތަށް އަރައެވެ. މި މޭރުމުން ވިސްނައިލަން އެންމެ ފަސޭހަ ވަނީ އީމާންކަމުގެ އަހުލުވެރީންނަށެވެ. އެ މީހުންނަށް އެ ޚަބަރު ޤަބޫލުކުރާކަށް ދައްޗެއް ނުވެއެވެ. އެހެނަސް މި ޙަޤީޤަތް ފެންނަކަމަށް ވެސް ނުހަދާ އަދި ޤަބޫލުނުކޮށް އުޅޭބަޔަކު ވެސް އެބަތިއްބެވެ. މުސްލިމުންގެ ތެރޭގައި ވެސް އެފަދަ މީހުން ތިބި ކަމީ އެންމެން ދަންނަ ކަމެކެވެ. ގިނަ ފަހަރު އެފަދަ މީހުންނަކީ ﷲއަށް އުރެދުމުގައި ޙަޔާތުގެ ގިނަ ވަގުތު ހޭދަކުރެވޭ ބައެކެވެ.
ލޮބުވެތި ކިޔުންތެރީންނޭވެ! ދިރުމާއި މަރުވުން މިއީ ﷲ تبارك وتعالى ލައްވައިފައިވާ ދެ މަޚްލޫޤެކެވެ. އަލް-މުލްކު ސޫރަތުގެ 2ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ﴾ (الملك: ٢). މާނައީ:- "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށް ޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."
މިއަދު މި ޙަޤީޤަތް މި ގޮތަށް ޤަބޫލުކުރަނީ ކިތައް މީހުން ބާވައެވެ؟ ތެދުތެދަށް ދަންނަވާ ނަމަ މީހަކު މަރުވި ޚަބަރު ލިބޭ ކޮންމެ ފަހަރަކު، ހިތާމަކޮށް ރޮނީ، މި ކަމަކީ ތިމާއަށް ވެސް ކުރިމަތިވާނޭ ކަމެއް ކަމަށް ހިތައިގެނެއް ނޫނެވެ. އިންސާނަކު ދުނިޔެއާއި ވަކިވެދިޔައީތީ ރޮނީއެވެ. އެކު އުޅުނު މީހާ ގެއްލުނީކަން އެނގޭތީ ދެރަވަނީއެވެ. އޭނާގެ ޣާއިބުގައި ތިމާ ދިރިއުޅޭނެ ގޮތަކާމެދު ވިސްނިފައި ކަންބޮޑުވަނީއެވެ. މަރުވި މީހާ އޮތީ ކޮން ހާލެއްގައި ތޯ ބަލައި އޭނާއާ ކުރިމަތި ވެދާނޭ ބިރަކާއި ދެރައެއް ހިތްމައްޗަށް އައިސްގެން އޭނާއާމެދު ވެސް ވިސްނަނީއެއް ނޫނެވެ. އަދި މާދަމާ ތިމާ އެ ހާލަތާ ކުރިމަތި ލާންޖެހިދާނޭތީ ފިކުރު ކުރަނީއެއް ވެސް ނުމެނޫންމެއެވެ.
މަރުގެ ޚަބަރު މިއަދު އަޅުގަނޑުމެން ޤަބޫލުކުރަނީ ކޮންމެވެސް ސަބަބަކާ އަޅުވައިފައެވެ. ރަނގަޅޭ! މަރުވިއިރު ކޮންމެވެސް ސަބަބެއް މެދުވެރި ވެފައި އޮވެދާނެއެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ ފުރަތަމަ ޙަޤީޤަތަކީ މަރު ބައްދަލުކުރަނީ އަޖަލު ހަމަވުމުން ކަމެވެ. މީހަކު މަރުވުމަށް މެދުވެރިވެދާނެ ސަބަބުތައް ބައިވަރެވެ. އޭގެތެރެއިން އެއްކަމަކީ ބަލިވުމެވެ.
ބައްޔޭތޯއެވެ؟ އާދޭހެވެ! ބަލިބަލީގައި މީހުން ވަރަށް ބޮޑަށް ހާލުދެރަވެއެވެ. އެ ބަލީގައި އޭނާ ދޫކޮށް ފުރާނަ ހިނގައިދާނެއެވެ. ހަމަ އެ ގޮތަށް ވަރަށް ބަލިކޮށް އުޅެފައިމެ މަރާ ބައްދަލުނުވެ ރަނގަޅުވުން ވެސް އެކަށީގެން ވެއެވެ. އެ ބަލިން މީހަކު ރަނގަޅުވެއްޖެއްޔާ އެއީ ދިރުމެކެވެ. އެހެނަސް ބައްޔެއްގެ ސަބަބުން ރަނގަޅުވުމުގެ އުންމީދުނެތް ނަމަ ދެން ތިބާގެ ކުރިމަތީ އެ ވަނީ ﷲ އުފެއްދެވި މަޚްލޫގެއް ކަމަށްވާ މަރެވެ. އެ ހިސާބަށް ދަންދެން މަރަކީ އިމްތިޙާނެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އަބަދުވެސް ދެކެވެނީ މަރުއެއީ ތިމާނޫން އަނެކާއަށް ކުރިމަތި ވެދާނޭ ކަމެއް ކަމުގައެވެ. ތިމާގެ ޙަޔާތުގައި ވަގުތު ދެމިގެންވާ ކަމުގައެވެ. އޭ ލޮބުވެތި ކިޔުންތެރިންނޭވެ! ކަން އޮތީ ތިޔަ ހީކުރާ ގޮތަކަށް ނޫނެވެ. މަރަކީ ކޮންމެ ނަފުސެއްގެ އަޖަލުގައި ލިޔުއްވައިފައިވާ ނިޔާއެކެވެ. އެކަމުގެ ވަގުތު އައިސް ޖެހުމުން އެންމެ ހިނދުކޮޅެއް، ލަސް ވެސް، އަވަސް ވެސް، ނުކުރެވޭ ހުއްޓެވެ.
މަރު އެއީ ކޮންމެ ނަފުސަކަށްމެ ކުރިމަތިވާނޭ ކަމެކެވެ. މި ކަމަށް އިޝާރާތްކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ. ﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنْ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ﴾ (آل عمران: ١٨٥). މާނައީ:- " ކޮންމެ ނަފުސަކީ ވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތްދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."
އަޅުގަނޑާ ތިބާއާއި، އަދި ލޯބިވާ އެންމެހާ ފަރާތްތަކާއި، މި އެންމެން ވެސް މަރުގެ އިމްޠިޙާނުން އިމްޠިޙާނު ކުރެވޭނެއެވެ. މަރާ ބައްދަލު ވެދާނެތީ ބިރުގަންނާނެކަމެއް ނެތެވެ. އެއަށް ތައްޔާރުވާށެވެ! ގަދައަޅާ މަސައްކަތް ކުރަންވީ ތިބާއާއި މަރު ބައްދަލު ކުރާހިނދު އީމާންތެރިކަމުގެ ގޮތުން ރަނގަޅު ޙާލަތެއްގައި ތިބާއަށް ހުރެވޭތޯއެވެ.
اللَّهُّمَ هَوِّنْ عَلَيْنَا سَكَرَاتِ الْمَوْتِ وَأَحْسِنْ خَاتـِمَتِنَا! ޔާ ﷲ! އަޅަމެންނަށް މަރުގެ ސަކަރާތް ލުއިކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ނިމުން ރިވެތިކޮށްދެއްވާނދޭވެ!