ތިން ސީޒަނަށް ފަހު "ވީލް އޮފް ޓައިމް" ކެންސަލު

އެމޭޒަންގެ ޕްރައިމް ސްޓްރީމިންއިން ގެނެސްދިން އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ "ވީލް އޮފް ޓައިމް" ތިން ސީޒަނަށް ފަހު ކެންސަލުކޮށްލައިފިއެވެ.

ޕްރައިމް ވީޑިއޯސްގައި 2021 ގައި ދައްކަން ފެށި މި ސީރީޒްއަކީ ރޮބާޓް ޖޯޑަން އަދި ބްރެންޑަން ސެންޑާސަން ލިޔެފައިވާ ވާހަކަ ސީރީޒް 'ދަ ވީލް އޮފް ޓައިމް'އަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ސީރީޒްއެކެވެ.

ޝޯގެ ކާމިޔާބު ތިން ސީޒަނެއް މިހާރު ނެރެފައިވާއިރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ ޝޯގެ ހަތަރުވަނަ ސީޒަނެއް ނެރޭނެ ދުވަހަކަށެވެ. ނަމަވެސް އެތައް ފޭނުންނެއް ދެރަކޮށްލާފައިވަނީ އެމޭޒަންއިން ދާދިފަހުން ކުރި އިއުލާނަކާ ގުޅިގެންނެވެ. އެގޮތުން ޝޯގެ ހަތަރު ވަނަ ސީޒަނެއް ނުދައްކާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ޝޯ ކެންސަލު ކޮށްފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީހުން ބުނާގޮތުގައި ޝޯއަށް އެކަށީގެންވާ ވަރަށް ބެލުންތެރިން ނުލިބެނީއެވެ. ނަމަވެސް އެމޭޒަން އަކީ ގިނަ ފަހަރަށް ޝޯގެ މެދުތެރެއިން ކެންސަލު ކޮށްލާ ސްޓްރީމިން ސާވިސް އެކެވެ. އެހެންވީމާ މި ޝޯ ވެސް އެންމެ ފަހުން ކެންސަލު ކޮށްލީ ކަމަށް އަނެއް ބަޔަކު ގަބޫލު ކުރެއެވެ.

ވީލް އޮފް ޓައިމް ބިނާކޮށްފައިވާ ވާހަކަ ސީރީޒްއަކީ 15 ފޮތުގެ ބޮޑު ސީރީޒްއެކެވެ. އެއާއެކު ޝޯ ވެސް ގިނަ ސީޒަންތަކަކަށް ދެމިގެންދާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބެވެ.

މި ސީރީޒްގެ މައިގަނޑު ރޯލުތަކުން ފެންނަނީ ރޮސަމުންޑް ޕައިކް، ޑެނިއަލް ހެނެއި، ޒޯއީ ރޮބިންސް، މެޑެލީން މެޑެން، ޖޯޝާ ސްޓްރެޑޮސްކީ، މާކަސް ރުތަފޯޑް، ބާނީ ހެރިސް، ކޭޓް ފްލީޓްވުޑް އަދި ޕްރިޔަންކާ ބޯސް އެވެ.

comment ކޮމެންޓް