ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާ ގުޅިގެން މެލްވެއާ ނެޓްވޯކެއް ނައްތާލައިފިއެވެ.
އިޔޫއާއި، އެމެރިކާ އަދި ކެނެޑާގެ އިދާރާތަކުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި 300 އަށްވުރެ ގިނަ ސާވާ ނައްތާލައި، 20 މީހަކު ހައްޔަރުކުރަން ބައިނަލްއަޤްވާމީ އަމުރު ނެރެފައެވެ. މިއީ "އޮޕަރޭޝަން އެންޑްގޭމް" ގެ އެންމެ ފަހުގެ މަރުހަލާގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތަކެކެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޖިނާއީ އަދުލުގެ އެޖެންސީ ކަމަށްވާ ޔޫރޯޖަސްޓްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ދަށުން 40އަށްވުރެ ގިނަ މީހުން ފާހަގަކުރެވި، 20 މީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލާފައިވެއެވެ. މީގެ އިތުރުން 650 ޑޮމެއިން ނިއުޓްރަލައިޒްކޮށް، 3.5 މިލިއަން ޔޫރޯގެ ކްރިޕްޓޯކަރަންސީ ހިފަހައްޓާފައިވެއެވެ.
މި އޮޕަރޭޝަނަކީ މިދިޔަ އަހަރުގެ މޭ މަހު ކުރިއަށް ގެންދިޔަ، ބޮޓްނެޓްތަކާ ދެކޮޅަށް މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނުގެ ފަހުބައި ކަމަށްވެއެވެ.
މި އޮޕަރޭޝަން ފެށުނީއްސުރެ ޖުމްލަ 21.2 މިލިއަން ޔޫރޯ ހިފަހައްޓާފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި ހަފުތާގައި ނައްތާލި މެލްވެއާއަކީ "އިނީޝަލް އެކްސެސް މެލްވެއާ"ގެ ގޮތުގައި ފާހަގަކުރެވޭ ބާވަތެކެވެ. މި މެލްވެއާ ބޭނުންކުރަނީ ފުރަތަމަ ''އިންފެކްޝަނަށް ''ކަމަށްވާއިރު، މިއީ ސައިބާ ކްރިމިނަލުންނަށް ޝިކާރައަކަށްވާ މީހުންގެ ސިސްޓަމްތަކަށް ނޭނގި ވަދެ، އިތުރު މެލްވެއާ، މިސާލަކަށް ރެންސަމްވެއާ ފަދަ ތަކެތި ސިސްޓަމަށް އިންސްޓޯލް ކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.
އޮޕަރޭޝަން އެންޑްގޭމް އަދިވެސް ކުރިއަށް ގެންދާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ބައިނަލްއަޤްވާމީ އިއްތިހާދުގެ ވެބްސައިޓުގައި ޝާއިޢުކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި މެލްވެއާ އޮޕަރޭޝަންތަކުގެ ފަހަތުގައި ތިބި މުހިންމު ޝައްކުކުރެވޭ ފަރާތްތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އަދި އާންމު އިލްތިމާސްތައް ކުރާނެ ކަމަށާއި، ޖަރުމަނުގެ އިދާރާތަކުން މީގެ ތެރެއިން 18 މީހުން ހުކުރު ދުވަހު ޔޫރަޕިއަން ޔޫނިއަންގެ "މޯސްޓް ވޯންޓެޑް" ލިސްޓުގައި ހިމަނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މެލްވެއާ އަކީ ކޮމްޕިއުޓާ ސިސްޓަމްތަކަށް ގެއްލުން ދިނުމަށް ނުވަތަ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކޮށްފައިވާ ނުރައްކާތެރި ސޮފްޓްވެއާއެވެ. މިފަދަ ސޮފްޓްވެއާތައް ބޭނުންކޮށްގެން ސައިބަރ ކްރިމިނަލުން އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ސަރުކާރުތަކުގެ މުހިންމު މަޢުލޫމާތު ވަގަށްނަގައި، ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތްކުރެއެވެ.
މިކަމުގެ ސަބަބުން ކޮންމެ އަހަރަކު ބިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާތީ، ދުނިޔޭގެ ގިނަ ޤައުމުތަކުން މިފަދަ ކުށްތައް ހުއްޓުވުމަށް އެކުގައި މަސައްކަތްކުރަމުން ދެއެވެ. "އޮޕަރޭޝަން އެންޑްގޭމް" އަކީ މިގޮތުން ކުރެވޭ މުހިންމު މަސައްކަތެކެވެ.