ވޯލްޑް ޓީޓީގެ ފައިނަލެއްގައި އަމްޕަޔަރުކަންކޮށް ރާއްޖޭގެ ޔާމީން ތާރީޚުގެ ތެރެއަށް

ވޯލްޑް ޓީޓީ ފައިނަލް އިވެންޓުގައި ޔާމީން އަމްޕަޔަރުކަން ކުރަނީ-- ފޮޓޯ: ޓީޓީ އޭޝިއާ

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އިވެންޓެއްގެ ފައިނަލުގައި ފުރަތަމަ ފަހަރަށް އަމްޕަޔަރުކަންކޮށް ރާއްޖޭގެ މުޙައްމަދު ޔާމީން ތާރީޚުން ޖާގަ ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ޓޭބަލް ޓެނިހުގެ ތާރީޚުގައި އަމްޕަޔަރަކު ދުނިޔޭގެ ބޮޑު ފައިނަލެއްގައި އަމްޕަޔަރުކަން ކުރި ފުރަތަމަ ފަހަރެވެ. އެއާއެކު ޔާމީން ވެފައިވަނީ މި ޝަރަފު ހޯދި ފުރަތަމަ އަމްޕަޔަރަށެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ނިމުނު ދުނިޔޭގެ އެންމެ ބޮޑު ޓީޓީ މުބާރާތުގައި ޔާމީން އިންސާފުކުރި އެންމެ ބޮޑު މެޗަކީ ވިމެންސް ޑަބަލްސް ފައިނަލެވެ.

މި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ޔާމީނަށް މަރުހަބާ ކިޔާފައެވެ.

"އޭނާ އަކީ އައިޓީޓީއެފް އިވެންޓެއްގެ ފައިނަލުގައި އަމްޕަޔަރުކަންކުރި ރާއްޖެއަށް ނިސްބަތްވާ ހަމައެކަނި ޓީޓީ އަމްޕަޔަރު، މިއީ ރާއްޖެއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް،" ޓީޓީ އެސޯސިއޭޝަނުން މި ކާމިޔާބީ ފާހަގަކޮށް ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

މި ފައިނަލުގެ އިތުރުން ޔާމީން ވަނީ މީގެކުރިން އޭޝިއާ ބައްރުގެ ބޮޑެތި މުބާރާތްތަކުގައި އަމްޕަޔަރުކަންކޮށް ގިނަ ބައެއްގެ އިތުބާރު ހޯދާފައެވެ. އޭނާ އަމްޕަޔަރުކަން ކޮށްފައިވާ ބޮޑެތި މުބާރާތްތަކުގެ ތެރޭގައި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް