ޙައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. އެ ރުކުން އަދާކުރަންޖެހޭނީ އެ ކަމަށް ކެރިކުޅަދާނަވާ މީހުން އެކަންޏެވެ. ކެރިކުޅަދާނަވުމަކީ ފައިސާގެ ތަނަވަސްކަން ލިބުމާއި ގެފުޅަށް ދާނޭ މަގު އަމާންވެގެން ވުމެވެ. ދިވެހިންގެ ތެރެއިން މި ދެ ޝަރުޠުހަމަވެ، ﷲގެ ރަޙުމާއި މަދަދު އެބައެއްގެ މައްޗަށް ތަނަސްވި މީހުން މިހާރު އެ ތިބީ މައްކާއަށް ގޮސް ޙައްޖުގެ އަޅުކަމައިގެން ފަށައިގެންފައެވެ. ދުނިޔޭގެ ހުރިހާ އެދުންވެރިކަމެއް ދޫކޮށް އިލާހީ ދަރުބާރަށް ހާޟިރުވެއެވެ.
މިހާރު ދިވެހި ޙައްޖާޖީން ތިބޭނީ ޢުމްރާގެ އަޅުކަން ނިންމާ ޙައްޖު ފެށުމުގެ އިންތިޒާރީގައި މަޑުކޮށްގެނެވެ. ދިވެހިން ޙައްޖުވަނީ ތަމައްތުޢުގެ ގޮތުގައި ކަމަށް ވާތީ އެ މީހުން ޢުމްރާކޮށް ނިމިގެން ޙައްޖުގެ އިންތިޒާރީގައި ހޮޓާތަކުގައި ތިބޭނީއެވެ.
ޙައްޖުވުން އޮންނަނީ ތިން ގޮތަކަށެވެ. އެއީ، އިޙުރާމުގެ ތިންވައްތަރު ކަމުގައި ވެސް ބުނެވެއެވެ. އެ ތިން ގޮތަކީ އިފުރާދުގެ މަގުން އިޙުރާމު ބަނުމާއި ޤީރާނުގެ މަގުން އިޙުރާމު ބަނުމާއި ތަމައްތުޢުގެ މަގުން އިޙުރާމު ބަނުމެވެ. މި ތިން ގޮތަކީ ވެސް ޞައްޙަ ގޮތްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އިފްރާދުގެ މަގަކީ ޙައްޖުވުމަށް އެދޭ މީހާ ހަމައެކަނި ޙައްޖުވުމަށް ގަސްތުކޮށް މީޤާތުން ނިޔަތްގަނެ އިޙުރާމު ބަނދެގެން މައްކާއަށް ވަނުމެވެ. އެ މީހާ ނިޔަތް ގަންނާނީ "لَبَّيْكَ بِحَجٍّ" މިފަދައިންނެވެ. އިފްރާތުގެ މަގުން އިޙުރާމުބަތް މީހާ ޙައްޖުގެ އަޅުކަން އެއްކޮށް ނިމެންދެން އިހުރާމުގައި ހުންނާނީއެވެ.
ޤީރާނުގެ މަގަކީ ޙައްޖުވުމަށް އެދޭ މީހާ ޙައްޖާއި ޢުމްރާ އެކުގައިވުމަށް ގަސްތުކޮށް މީޤާތުން ނިޔަތްގަނެ އިޙުރާމު ބަނދެގެން މައްކާއަށް ވަނުމެވެ. އެ މީހާ ނިޔަތް ގަންނާނީ "لَبَّيْكَ بِحَجٍّ وَعُمْرَةٍ" މިފަދައިންނެވެ. ޤީރާނުގެ މަގުން އިޙުރާމުބަތް މީހާ މައްކާއަށް ގޮސް ފުރަތަމަ ޢުމްރާއެއް ވާނީއެވެ. އަދި، ޢުމްރާގެ ކަންކަން ނިމުމުން ވެސް ޙައްޖުގެ އަޅުކަން އެއްކޮށް ނިމެންދެން އިހުރާމުގައި ހުންނާނީއެވެ.
ތަމައްތުޢުގެ މަގަކީ ޙައްޖުގެ މަސްތަކުގައި ޢުމްރާއެއްވެފައި ހަމަ އެ އަހަރު ޙައްޖުވުމެވެ. މިފަދައިން ޙައްޖުވުމަށް ތަމަތުޢުއެވެ ކިޔައި ނަންދެވުނީ ޢުމްރާގެ އަޅުކަމަށްފަހު އޭނާގެ އަމިއްލަ ވަޒަނަށް އެނބުރި ނުގޮސް ހަމަ އެ އަހަރު ތެރޭގައި ޙައްޖުވާތީއެވެ. އެ މީހާ ނިޔަތް ގަންނާނީ "لَبَّيْكَ عُمْرَةٍ" މިފަދައިންނެވެ. މިފަދައިން ޙައްޖުވާން އެދޭ މީހުން ޢުމްރާއަށް ފަހު އިޙުރާމު ކަނޑާ ތަޙައްލުލު ވާނީއެވެ. އަދި، ޙައްޖުގެ މަނާސިކުތައް ފައްޓަންވުމުން އަލުން ޙައްޖަށް ނިޔަތްގަނެ އިޙުރާމުވާނީއެވެ. އަދި، ޙައްޖުގެ އަޅުކަން އަދާކޮށް ނިންމާނީއެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ތަމަތުޢުގެ މަގުން ޙައްޖުވާ ބައެކެވެ. މިއަދު ޙައްޖާޖީން ޙައްޖުމަސް ފެށުމުގެ ދުވަހެއް ދެ ދުވަހެއްގެ ކުރިން ފުރައިގެން މައްކާއަށް ދިޔަ ކަމުގައި ވިޔަސް، މީގެ ޒަމާންތަކެއް ކުރިން އެ ދަތުރު މިއަށްވުރެ ކުރިޔައިލާ އެ މީހުން ފަށައެވެ. ޙައްޖުގެ މަސްތައް ކަމުގައި ވާ ޒުލްޤައްދާ މަހުގެ ތެރޭގައި އެ މީހުން މައްކާއަށް ދެއެވެ. އަދި މައްކާއަށް ގޮސް ޢުމްރާވެ ނިމިގެން ޙައްޖުމަހުގެ އަށްވަނަ ދުވަހު މިނާއަށް ދާންވަންދެން އާންމު މީހެއް ފަދައިން މައްކާގައި އުޅެނީއެވެ. މި އަހަރު ޙައްޖަށް ދިޔަ ދިވެހިން ވެސް ޢުމްރާގެ ކަންކަން ނިންމައި މިހާރު ތިބޭނީ މި މަހުގެ އަށްވަނަ ދުވަހު މިނާއަށް ގޮސް ޙައްޖުގެ ކަންކަން ފެށުމުގެ އިންތިޒާރީގައެވެ.