ފެނަކައިން ކަރަންޓުގެ ޚިދުމަތް ދޭ ގޭބީސީތަކުގެ މިދިޔަ މަހުގެ ބިލަށް, ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައިވާ ގޮތަށް ޓެރިފް ކުޑަކުރަން ނިންމައިފިއެވެ.
ރައީސްވަނީ، މި މަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާކަން މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާންކުރައްވައިފައެވެ.
އެ އެންގެވުމާ އެއްގޮތަށް ފެނަކައިން މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
މިއަދު އެ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ނިމުނު މެއި މަހަށް ވެސް ބިލް ކުރާނީ އައު ޓެރިފް ރޭޓުގެ ދަށުން ކަމަށެވެ. އެގޮތުން މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފަައިވާ މީހުންގެ މިމަހު ބިލުން އެއްބައި އުނިކުރާނެ ކަމަށާއި މިދިޔަ މަހުގެ ބިލަށް ފައިސާ ދައްކާފައިނުވާ މީހުންނަށް ކުޑަ ޓެރިފް ރޭޓުގައި އަލުން ބިލު ފޮނުވާނެ ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.
ކަރަންޓު ބިލުކުރާއިރު، ބޭނުންކުރާ މިންވަރު ބަލަނީ ޔުނިޓުންނެވެ. އާންމު ގޮތެއްގައި ބިލު ބޮޑުވަނީ ބޭނުން ކުރާ މިންވަރު 500 ޔުނިޓުން މަތިވީމައެވެ. އެގޮތުން ކުރިން 600 ޔުނިޓުން މަތިވުމުން އެވްރެޖުކޮށް ޔުނިޓަކަށް 4.25 ރުފިޔާ ބިލުކުރެއެވެ. ނަމަވެސް ޓެރިފް ރޭޓު ދަށްކުރުމުން، 3.80 ރުފިޔާއާ ހަމައަށް ދަށްވާނެއެވެ.
ސަރުކާރުން ފޯރުކޮށްދޭ ކަރަންޓަކީ، ބޮޑު އަގުގައި ބޭރުގެ ބާޒާރުން ރާއްޖެއަށް ތެޔޮ ގަނެގެން، ވަރަށް ބޮޑު ސަބްސިޑީއެއް ދީގެން އާންމުންނަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެކެވެ. ފެނަކައިގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ.