ސައިފް އާއި ކަރީނާއަށް މީރީ އިންޑިއާގެ މި ކެއުންތައް

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ކަރީނާ ކަޕޫރު އަދި ސައިފް އަލީ ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ނެޓްފްލިކްސްއިން ގެނެސްދޭނެކަން އިއުލާނުކޮށްފައިވާ "ޑައިނިންގް ވިތު ކަޕޫރުސް"އަކީ ބަތަލާ ކަރީނާ ނިސްބަތްވާ ކަޕޫރު ޚާންދާނުގެ ސަޤާފީ ކެއުންތަކުގެ ތަފުސީލު ވަރަށް ރަނގަޅަށް ބެލުންތެރިންނަށް ފެންނާނެ ޝޯއެއް ކަމަށް ބަތަލާ ބުނެފިއެވެ.

އިންޑިއާގައި ނެރޭ ނޮޑް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އެ އާއިލާގެ ގިނަ މެމްބަރުންނަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށްވީ ނަމަވެސް ކޮންމެ މީހެއްގެ ކިބައިގައި ވެސް ކެއްކުމާ ގުޅޭ ކޮންމެވެސް ކަހަލަ ހުނަރެއް ހުންނަ ކަމަށެވެ.

އެގޮތުން ޒަމާނުއްސުރެ ކަޕޫރު ޚާންދާނަކީ ބަދިގޭގައި ބޮޑެތި ކެއުންތައް ތައްޔާރުކުރުމުގެ ސަޤާފަތެއް އޮތް ޚާންދާނެއް ކަމަށާއި އާއިލާގެ ހުރިހާ މެމްބަރުން އެއްވެގެން ކެއުންތަކަށް އިންސާފު ކުރުމަކީ ޒަމާނުއްސުރެ ކަޕޫރު އާއިލާއިން ދަމަހައްޓަމުން އަންނަ ސަޤާފަތެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނެޓްފްލިކްސްއިން ގެނެސްދޭ "ޑައިނިންގް ވިތް ދަ ކަޕޫރުސް"ގެ ޕޯސްޓަރެއް--ފޮޓޯ/އެމް9ނިއުސް

ކަރީނާ ދިރިއުޅޭ ގޭގައި ވެސް ބަދިގެއަކީ ބަތަލާއަށް އެންމެ ޚާއްސަ އެއް ތަން ކަމަށާއި ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ޚާންއާ އެކު ކުދިންގެ ބައިވެރިވުން ވެސް ހިމެނޭގޮތަށް ތަފާތު ކެއުންތައް ތައްޔާރު ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ސައިފަކީ އެކި ޤައުމުތަކުގެ ކުޒީންތައް ތަޖުރިބާކުރަން ލޯބިކުރާ މީހެއް ނަމަވެސް ފަހަކަށް އައިސް ސައިފް މުޅިން ވެސް ބޭނުންވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ ކެއުންތައް ކެއުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނަމަވެސް ކަރީނާގެ ރަހަތައް އެއާ މުޅިން އިދިކޮޅު ކަމަށާއި ފެށުނީއްސުރެ ވެސް ބަތަލާ އަކީ އުތުރު އިންޑިއާގެ ކެއުންތައް ކާހިތްވާ މީހެއް ކަމަށް ކަރިނާ ވަނީ ބުނެފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އުތުރު އިންޑިއާގެ ކެއުމެއް ކަރިނާގެ ކެއުމުގެ ތާވަލުގައި ކޮންމެހެން ވެސް ހުންނަން މަޖުބޫރުވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޕްރީމިއާކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރާ "ޑައިންގް ވިތު ކަޕޫރްސް"އިން ފެންނާނެ މުހިއްމު މީހުންގެތެރޭ ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު، ބޮޑު ދައިތަ ރީމާ ޖެއިން، ދައްތަ ކަރިޝްމާ ކަޕޫރު، ނީތޫ ކަޕޫރު އަދި ކަރީނާގެ ދެބެއިންގެ ދެދަރިން ރަންބީރު ކަޕޫރު، އާދަރު ޖެއިންގެ އިތުރުން އަރުމާން ޖެއިން ހިމެނެއެވެ.

comment ކޮމެންޓް