ފުލުހުންގެ އުސޫލުތައް ނަގަހައްޓައި، ނަޒާހަތްތެރިކަމާއެކު ޒިންމާ އަދާކުރާނަން: ނަވީން

ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން --- ފޮޓޯ/ އެންއީއޯސީ

މަސައްކަތް ކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުސޫލުތައް ނަގަހައްޓައި ނަޒާހަތްތެރިކަމާއެކު ޒިންމާ އަދާކުރަން ކަމަށް، މިއަދު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގެން އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ނަވީން ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވަނީ، ގިނަ ބައެއްގެ ފަރާތުން މަރުހަބާގެ މެސެޖުތައް ލިބިފައި ވާތީ އުފާކުރައްވާކަމަށެވެ.

"މަސައްކަތް ކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުސޫލުތައް ނަގަހައްޓައި ނަޒާހާތްތެރިކަމާއެކު ފުލުހުންގެ ޒިންމާ އަދާކުރުމަށް،" އެ މެސެޖުގައި ވެއެވެ.

https://sun.mv/207132

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. އެއަށްފަހު ފުލުހުންގެ އިދާރާ ހިންގުމައި ވަގުތީގޮތުން ހަވާލުވެވަޑައިގަތީ ވެސް ނަވީނެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ.

ޕޮލިސް ބޯޑުން އިއްޔެވަނީ އެ ތިން ބޭފުޅުން ވެސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފައެވެ.

ޕޮލިސް ކޮމިޝަނަރު އައްޔަން ކުރަނީ އެ ބޯޑުން ހޯމް މިނިސްޓަރަށް ނަންތައް ފޮނުވުމުން، މިނިސްޓަރުގެ ލަފަޔާއެކު ރައީސެވެ.

ސީޕީ ކަމަށް ނަވީން އައްޔަންކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސީޕީގެ މަގާމުގައި ހުންނެވި ޝުޖާއު އިސްތިއުފާދެއްވީ، މިދިޔަ އޭޕްރިލް މަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެ، ޝުޖާއުގެ އިސްތިއުފާއަށް ޒުވާނުން ގޮވައިލަމުން ދަނިކޮށެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް, އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރެއްވިއެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއުއާއި ނަވީންއެވެ.

comment ކޮމެންޓް