މިދިޔަ މަހު ދިހައެއްގައި ސިނަމާލެ ބުރިޖުން ހުޅުމާލެއަށްދާ ލޭނުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެ، އަނިޔާވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދިން މަޝްހޫރު ފިޓްނެސް ޓްރެއިނަރު އާއިޝަތު ޝަޒީ އަހުމަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އުމުރުން 28 އަހަރު ޝަޒީ އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ ދިހައެއްގެ އިރުއޮއްސި 19:08ގައެވެ.
އެކްސިޑެންޓުގައި ތިން މީހުންނަށް އަނިޔާވިއިރު، އޭގެތެރޭގައި ހިމެނެނީ ޝަޒީގެ އިތުރުން ދެ ފިރިހެނުންނެވެ.
އައިޖީއެމްއެޗު ހޮސްޕިޓަލުން 'ސަން'އަށް ކުރިން ބުނި ގޮތުގައި، ޝަޒީގެ އަނިޔާތަކަށް ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައި ކަމަށެވެ. އެކަމަކު، އޭގެފަހުން އޭނާއަށް ވަނީ އައިސީޔޫގައި ވެސް ފަރުވާދީފައެވެ.
View this post on Instagram
މިއަދު ޝަޒީ ކުރި ޕޯސްޓެއްގައި ވަނީ، ފަރުވާއަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި، އަތުގައާއި ފައިގައި ގިނަ ބެންޑޭޖު އަޅާފައިވާކަން ފާހަގަކޮށް އޭނާ ވަނީ ބޮލުގެ އިސްތަށިތައް އަލުން ފަޅަން ފަށާފައިވާކަމަށް ބުނެފައެވެ.
ޝަޒީ އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުން، އޭނާފެ ކަނާއަތު ފަޔާއި ކަނާއަތުގައި ވަނީ ބޮޑެތި ބެންޑޭޖުތަކެއް އަޅާފައިވާ މަންޒަރު ފެނެއެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޝަޒީ ބުނެފައިވެއެވެ.
ޝަޒީގެ އެކްސިޑެންޓުގެ މައްސަލައިގައި ފުލުހުންވަނީ ދެ ސައިކަލެއް ޓޯކޮށް، މައްސަލަ ބަލަން ފަށައިފައެވެ.
ކަސްރަތާ ގުޅޭ ތަމްރީނު ހަދައިފައިވާ ޝަޒީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 13،800 އަށްވުރެ އިތުރެވެ. އޭނާގެ ޕޭޖުގައި ޒާތީ ދިރިއުޅުމުގެ ބައެއް މަންޒަރުތަކުގެ އިތުރުން، ކަސްރަތު ކުރާނެ ގޮތްތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިއްސާކޮށްފައި ހުރެއެވެ.