އަދުނާނު ސާމީ އިންޑިއާއަށް ހިޖުރަކުރީ މިހެންވެ

ޕާކިސްތާނަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަދުނާނު ސާމީ އެ ޤައުމު ދޫކޮށް އިންޑިއާގެ ރައްޔިތަކަށްވުމަށް ނިންމީ ޕާކިސްތާނުގައި ވަރަށް ގިނަ މައްސަލަތަކަކާ ކުރިމަތިވާން ފެށުމުން ކަމަށް ބުނެފިއެވެ.

ދާދި ފަހުން އިންޑިއާ ޓީވީއަށް ދިން އިންޓަވިއުއެއްގައި އަދުނާނު ބުނީ، ނުވަދިހައިގެ އަހަރުތަކުގެތެރޭ ރިލީޒްކުރި އޭނާގެ ލަވަތައް ފެއިލްވާން ފެށުމުން ޕާކިސްތާނުގެ މިއުޒިކް އިންޑަސްޓްރީން އަދުނާނަށް އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުދޭ ކަމަށެވެ.

އޭގެ ފަހުން 1998ވަނަ އަހަރު ރިލީޒްކުރި އަދުނާނުގެ ލަވަތައް ފެއިލްވުމާ އެކު ޕާކިސްތާނުގެ މިއުޒިކް ޕްރޮޑިއުސަރުން ނިންމީ އޭނާގެ ކެރިއަރު އެއްކޮށް ހުއްޓުނީ ކަމަށާއި އެހެންވެ އެ ލަވަތައް އިތުރަށް މާކެޓު ކުރުމަށް އެއްވެސް ވަރަކަށް އެހީތެރިނުވާ ކަމަށް އަދުނާނު ވަނީ ބުނެފައެވެ.

އޭރު އަދުނާނު ހުރީ ކެނެޑާގައި ކަމަށާއި ޕާކިސްތާނުގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރި ބަޔަކު އެގޮތަށް އަމަލުކުރީ ގަސްދުގައި ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. ލިބުނު މާޔޫސްކަމާ އެކު އަދުނާނު ދެން މަސައްކަތްކުރީ އިންޑިއާގެ ލެޖެންޑު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭއާ އެކު ކަމަށާއި އާޝާއާ އެކު ލަންޑަންގައި ލަވައެއް ރިކޯޑުކުރަން އޭނާ ނިންމި ކަމަށް ވަނީ ބުނެފައެވެ.

އަދުނާނު ސާމީ ބޮލީވުޑް ބަތަލާ ރާނީ މުކަރުޖީއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

ނަމަވެސް، އާޝާ ބޯސްލޭ ބޭނުންވީ އިންޑިއާގެ މުމްބާއީގައި ލަވަ ރިކޯޑުކުރަން ކަމަށާއި އެއީ އިންޑިއާގެ ހިންދީ މިއުޒިކްގެ މައި މަރުކަޒު ކަމަށް އާޝާ ބުނި ކަމަށް އަދުނާނު ވަނީ ބުނެފައެވެ.

އާޝާއާ އެކު ލަވަ ރިކޯޑުކުރުމުގެ މަސައްކަތްކުރި ދުވަސްވަރު އޭނާ ދިރިއުޅުނީ ވެސް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރުޑީ ބާމަންގެ ގޭގައި ކަމަށާއި ޕާކިސްތާނުގައި ފެއިލްވި ލަވަތަކަށް އިންޑިއާގައި ބޮޑު މަޝްހޫރުކަމެއް ލިބެން ފެށީ އެ ދުވަސްވަރު ކަމަށް ކުޅަދާނަ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

އިންޑިއާގެ ރައްޔިތުންނަކީ މިއުޒިކަށް ވަރަށް ލޯބިކުރާ ގަދަރުކުރާ ބައެއް ކަމަށާއި އެއީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ފެންނާނެ މަންޒަރެއް ނޫން ކަމަށް އަދުނާނު ވަނީ ބުނެފައެވެ.

އަދުނާނު ބުނި ގޮތުގައި އޭނާއެކޭ އެއްގޮތަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނުސްރަތު ފަތޭހް އަލީ ޚާން، މެހްދީ ހަސަން އަދި ރޭޝްމާއަކީ ވެސް މިއުޒިކީ ކެރިއަރުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު މިއުޒީޝަނުންނެވެ.

އެއީ ވަރަށް ހުނަރުވެރި ލަވަކިޔުންތެރިން ކަމަށާއި ނަމަވެސް އެ މީހުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ކަމާގުޅޭ އިދާރާތަކުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭ ކަމަށް އަދުނާނު ވަނީ އިންޑިއާ ޓީވީއަށް ދިން އިންޓަވިއުގައި ބުނެފައެވެ.

އެ ކަމާ ގުޅިގެން 2005 ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފަށް ސިޓީއެއް ވެސް ފޮނުވި ކަމަށާއި އޭރު އަދުނާނަކީ ޕާކިސްތާނު ރައްޔިތެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް، ލިބުނު މާޔޫސްކަމާ އެކު އަދުނާނު ނިންމީ ޕާކިސްތާނު ރައްޔިތުކަން ދޫކޮށް އޭނާގެ މިއުޒިކަށް ގަދަރުކުރާ ޤައުމެއްގެ ރައްޔިތުކަން ގަބޫލުކުރުމަށް ކަމަށާއި 2015ވަނަ އަހަރު އިންޑިއާގެ ރައްޔިތަކަށްވުމަށް ސަރުކާރުގައި އެދުނު ކަމަށެވެ.

ހަމަ އެ އަހަރު އިންޑިއާގެ ސަރުކާރުން އެކަން ބަލައިގަނެ އަދުނާނަކީ އިންޑިއާ ރައްޔިތެއްކަން އިއުލާނުކުރި ކަމަށް ކާމިޔާބު ގިނަ ލަވަތަކެއް ކިޔާފައިވާ އަދުނާނު ވަނީ ބުނެފައެވެ. އަދުނާނު ސާމީއަށް ވަނީ އިންޑިއާގެ ސަރުކާރުން ހަތަރުވަނައަށް އަރުވާ މަތީ ޝަރަފު ޕަދުމާ ޝްރީގެ ޝަރަފު މި އަހަރު އަރުވާފައެވެ.

comment ކޮމެންޓް