ލާސްޓް އޮފް އަސްގެ ދެވަނަ ސީޒަން ފްލޮޕަކަށް

އެޗްބީއޯއިން މި ފަހުގެ ތާރީޚެއްގައި އެޅުވި އެންމެ މަގުބޫލު އެއް ޝޯ ކަމަށްވާ "ލާސްޓް އޮފް އަސް" މަތީން ގިނަ ބަޔަކު ފޫހިވެ، ގިނަ ބަޔަކަށް ކަމު ނުދާ ޝޯއަކަށް ވެއްޖެއެވެ.

މަޝްހޫރު ވީޑިއޯ ގޭމަށް ބިނާކޮށް ތައްޔާރުކުރި މި ޝޯގެ ފުރަތަމަ ސީޒަން ވީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ޝޯއަކަށެވެ. ނަމަވެސް އެ މަގުބޫލުކަން ވަނީ އާ ސީޒަނުން ގެއްލިފައެވެ. ގިނަ ބައެއްގެ ލޯބި ލިބެމުން އައި ޝޯ މަތީން މިހާރު ފޭނުން ފޫހިވެއްޖެއެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޝޯގެ ދެވަނަ ސީޒަން ދައްކަން ފެށިއެވެ. އޭރުވެސް ފޭނުން ތިބީ އާ އެޕިސޯޑުތަކަށް ކެތްމަދުވެފައެވެ. ނަމަވެސް ސީޒަން ނިމެން ގާތްވިއިރު ޝޯގެ މަގުބޫލުކަން ގެއްލިއްޖެއެވެ. އެތައް ބަޔަކު ބުނާގޮތުގައި ޝޯ މަތީން ގިނަ ބަޔަކު ފޫހިވެފައިވަނީ ޝޯގެ ވާހަކަ، ގޭމުން ދުރަށް ދާން ފެށުމުންނެވެ.

ގޭމްގެ ވާހަކައަކީ ގިނަ ބަޔަކަށް ކަމުދާ ވާހަކައަކަށް ވެފައިވާތީ އެންމެން ވެސް ބޭނުންވީ ޝޯވެސް ވާހަކައާ އެއްގޮތަށް ކުރިއަށް ދިޔުމަށެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ޕްރޮޑިއުސަރުން ބޭނުންވީ އަމިއްލަ ސްޓޯރީލައިނެއް ގެންނާށެވެ. އެހާ ހިސާބުން ފޭނުން މި ޝޯ ބަލަން ބޭނުމެއް ނުވިއެވެ.

އެޗްބީއޯއިން ހާމަކޮށްފައިވާ ގޮތުގައި ޝޯގެ ބެލުންތެރިންވެސް ވަނީ ކުރީ ސީޒަނަށް ވުރެ ދަށްވެފައެވެ.

ލާސްޓް އޮފް އަސްއަކީ ކުއްލި ގޮތަކަށް ދުނިޔެއަށް ފެތުރޭ ވައިރަހެއްގެ ސަބަބުން "ޒޮމްބީސް" ޒާތުގެ އެއްޗެހިތަކެއް އުފެދިގެން އައުމާއެކު ކަންތައް ވެގެންދާ ގޮތް ދައްކުވައިދޭ ގޭމެކެވެ. މި ގޭމުގައި އަލިއަޅުވާލާނީ ޖޯލް އާއި އެލީގެ ދިރިއުޅުމަށެވެ. ޝޯއިން ވެސް ކިޔައިދޭނީ މި ވާހަކައެވެ. ޝޯގެ ލީޑުން ފެންނާނީ ޕެޑްރޯ ޕާސްކަލް އާއި ބެލާ ރާމްސީއެވެ.

މި ޝޯގެ ދެވަނަ ސީޒަނަކީ ގޭމްގެ ދެވަނަ ބަޔަަށް ބިނާކޮށްފަައިވާ ޝޯއެކެވެ. ޝޯގެ ތިންވަނަ ސީޒަނެއް ނެރުމަށް ނިންމާފައިވާއިރު މި ސީޒަނަށް ޕްރޮޑިއުސަރުން ޖެހޭނީ އަމިއްލަ ވާހަކައެއް އުފައްދާށެވެ.

comment ކޮމެންޓް