ތަފާތު ގިނަ ހިޓުތަކެއް ރިލީޒްކޮށްފައިވާ ޒުވާން ލަވަކިޔުންތެރިޔާ ދުއާ ލީޕާ އެންގޭޖުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު ކެލަމް ޓާނާ އާއި ދުއާ އެންގޭޖުވި ކަމުގެ ވާހަކަތަކެއް މިއަހަރު ކުރީކޮޅު ދެކެވެން ފެށިއެވެ. ނަމަވެސް ދެމީހުން ވެސް މި ވާހަކަތަކެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެކަމަކު އެންމެ ފަހުން ދެމީހުންގެ އެންގޭޖްމެންޓް މިއޮތީ ކަށަވަރު ކޮށްދީފައެވެ.
ބްރިޓިޝް ވޯގްއަށް ދިން އިންޓަވިއުއެއްގައި ދުއާ ބުނެފައިވަނީ އޭނާ މިއަހަރުގެ ތެރޭގައި އެންގޭޖް ވެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.
ދުއާ ބުނެފައިވަނީ ދެމީހުން އެންގޭޖުވި ނަމަވެސް އެހާ އަވަހަށް ކައިވެނީގެ ފޮޓޯތަކަށް އިންތިޒާރު ނުކުރުމަށެވެ. އެއީ ކައިވެނި ކުރުމަށްޓަކައި ދެމީހުން އެކަކު އަނެކަކަށް ރަނގަޅަށް އެނގެން ޖެހޭ ކަމަށް އޭނާ ދެކޭތީއެވެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ވެސް ދެ މީހުން އެކަކު އެނގި ދަސްކުރުމަށް ވަގުތު ނަގާނެ ކަމަށް ދުއާ ބުނެފައިވެއެވެ.
ދުއާއަށް މި އަހަރަކީ ފުދޭ ވަރަކަށް ބިޒީ އަހަރެކެވެ. ދުއާ މިހާރު ކުރިއަށް ގެންދަނީ އޭނާގެ ފަހުގެ އަލްބަމް "ރެޑިކަލް އޮޕްޓިމިޒަމް"ގެ ޓުއާއެވެ. އަހަރުގެ ފަހުކޮޅު ޗުއްޓީއާ ދިމާކޮށް އޭނާގެ ޓުއާ ވަނީ މެދުކަނޑާލާފައެވެ. އަންނަ މަހުގެ ފަހުކޮޅުގައި އަނެއްކާ ދުއާގެ ޓުއާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޓުއާ މެދުކަނޑާލުމުގެ ކުރީން އޭނާ އެންމެ ފަހުން ޓުއާ ދެމުން ދިޔައީ އޭޝިއާގައެވެ. އެގޮތުން ތައިލެންޑާއި ސިންގަޕޫރުގައި ދުއާ ޝޯ ދިންއިރު ގިނަ ދިވެހީން ވަނީ މި ޝޯތައް ބެލުމަށް އެ ގައުމުތަކަށް ދަތުރުކޮށްފައެވެ.
ދުއާ އާއި ކެލަމް އެންމެ ފުރަތަމަ އެކީގައި އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ވާހަކަތައް ދެކެވެން ފެށީ ދުއާ އާއި ކެލަމް އެކީގައި ލަންޑަންގެ ކެފޭއަކުން ފެނުނު ހިސާބުންނެވެ.