ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ތައްޔާރު: ޚާރިޖީ ވަޒީރު ބެރޮޓް

ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން ނޯއެލް ބެރޮޓް. ފޮޓޯ/ގެޓީ

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތައްޔާރުކަމަށް ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން ނޯއެލް ބެރޮޓް ވިދާޅުވެއްޖެއެވެ.

ބެރޮޓް އެގޮތަށް ވިދާޅުވެފައި ވަނީ ޕެރިސް ޕީސް ފޯރަމުން އިންތިޒާމްކުރި "ޕެރިސް ކޯލް ފޯ ދަ ޓޫ ސްޓޭޓް ސޮލިއުޝަން، ޕީސް އެންޑް ރީޖަނަލް ސެކިއުރިޓީ" ބައްދަލުވުމުގައެވެ.

"ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް ދަމަހައްޓާނެ" ބެރޮޓް ވިދާޅުވިއެވެ.

ފަލަސްތީނަށް ސިޔާސީ ހައްލެއް ގެންނަންވީ ވަގުތު އައިސްފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު ފްރާންސާއި ސައުދީ އަރަބިއްޔާ ގުޅިގެން ނިއު ޔޯކުގައި ބާއްވާ ދެ ދައުލަތުގެ ހައްލާ ބެހޭ ކޮންފަރެންސްގައި އެކަމަށް ސަމާލުކަން ދޭނެ ކަމަށްވެސް ބެރޮޓް ވިދާޅުވިއެވެ.

"މި ސިޔާސީ ހައްލުގެ ތެރޭގައި ހިމެނެނީ އާ ވެރިކަމެއް ހިމެނޭ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން. އޭރުން އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ސަލާމަތީ ޔަގީންކަން އޮންނާނެ." އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއިން ސުލްހައިގެ މަގަށް ހިތްވަރު ދިނުމަށާއި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމާއި، ރަހީނުކޮށްފައިވާ ހުރިހާ އެންމެން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލައި، ޣައްޒާއަށް އިންސާނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބެރޮޓް އިލްތިމާސްކުރެއްވިއެވެ.

ނަސްލު ނައްތާލުމުގެ މަގުސަދުގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މިހާތަނަށް 55،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް