އަރުބާޒު އާއި ދަރޭ 27 އަހަރުފަހުން އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފި

ކުރީގެ އެކްޓަރު ދަރުމެންދްރަ އަދި އަރުބާޒު ޚާން. ދެ ތަރިން އެކީގައި އެންމެ ފަހުން ފިލްމެއްގައި މަސައްކަތްކުރީ މީގެ 27 އަހަރު ކުރިން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މީގެ 27 އަހަރުކުރިން ރިލީޒްކުރި ފިލްމު "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ"އަށް ފަހު އަނެއްކާވެސް އެ ޖޯންރާގެ ފިލްމަކަށް އަރުބާޒު ޚާން އާއި ދަރުމެންދްރަ ސޮއިކޮށްފިއެވެ.

ވަރަށް އަވަހަށް މަސައްކަތް ފެށުމަށްފަހު މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ މި ފިލްމުގެ ނަމަކީ "މޭނޭ ޕިޔާރު ކިޔާ ޕިރް ސޭ"އެވެ. އަރުބާޒު އާއި ދަރޭ އެކީގައި މަސައްކަތް ކުރި 1998ވަނަ އަހަރުގެ ފިލްމު "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ"ގައި މި ދެ ތަރިންނާ އެކު ދެން މަސައްކަތްކުރީ އަރުބާޒުގެ ބޭބެ، އެކްޓަރު ސަލްމާން ޚާން އަދި ބަތަލާ ކާޖޮލްއެވެ.

ސަބީރު ޝައިހް ޑައިރެކްޓްކޮށް ރޮނީ ރޮޑްރިގްސް ޕްރޮޑިއުސްކުރާ ފިލްމު "މޭނޭ ޕިޔާރު ކިޔާ ޕިރް ސޭ" ފެމިލީ ޑްރާމާއެއް އަދި ތުރިލާއެއްގެ އަސަރު ހިމެނޭހެން ގެނެސްދޭ ފިލްމެކެވެ. ދާދިފަހުން މި ފިލްމު ލޯންޗުކޮށްފައިވާއިރު މި ފިލްމުގެ ވާހަކައާ ގުޅޭގޮތުން ކުރީގެ އެކްޓަރު ދަރުމެންދްރަ ބުނެފައި ވަނީ، މިއީ ހުރިހާ ރަހައެއް އެކުލެވޭ، އިންޑިއާ މީހުން ބުނާގޮތުންނަމަ 'މިކްސްޑް ވެޖް' ފިލްމެއް ކަމަށެވެ.

ފިލްމު "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ"ގެ މަންޒަރެއްގައި އަރުބާޒުގެ ދެބެއިން އަދި ދަރުމެންދްރަ--ފޮޓޯ/އެކްސް

ދަރޭ ވަނީ އަރުބާޒުއާ އެކު ފިލްމު "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ"ގައި މަސައްކަތްކުރިއިރު ވެސް ވަރަށް ހިތްހަމަޖެހޭ ތަޖުރިބާތަކެއް ކުރެވުނު ކަމަށާއި އަލުން އަރުބާޒާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭތީ ވަރަށް އުފާވާ ކަމަށް ބުނެފައެވެ.

ދަރޭ މިފަހުން ފެނުނު ފިލްމުތަކުގެތެރޭ ދަރުމާއިން ގެނެސްދިން ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި "ތެރި ބާތޯ މެ އޭސަ އުލްޖާ ޖިއާ" ހިމެނެއެވެ. ދަރޭ ވަނީ ދާދިފަހުން އެކްޓަރު ސޮއިކުރި ފިލްމު "އިއްކީސް"ގެ މަސައްކަތް ވެސް ނިންމާލާފައެވެ.

comment ކޮމެންޓް