ސިދާންތު ކޮރެއަން އިންޑަސްޓްރީއަށް

ބޮލީވުޑް އެކްޓަރު ސިދާންތު ޗަތުރުވެދީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރުވެދީ ދާދިފަހުން ކޮރެއާގެ އިޝްތިހާރަކުން ފެނުމާ އެކު މިއީ އެކްޓަރު ކޮރެއާ އިންޑަސްޓްރީއަށް ތައާރަފުވުމުގެ އިޝާރާތެއް ކަމަށް ބައެއް މީޑިއާތަކުން ބުނެފިއެވެ.

ސިދާތު ފެނިފައިވަނީ މަޝްހޫރު ކޭ-ޑްރާމާ ސީރީސް ކަމަށްވާ "ވެން ދަ ފޯން ރިންގްސް"ގެ ބަތަލާ ޗޭ ސޫ ބިންއާ އެކު ކުޅުނު ޖަޕާނުގެ ކްރޮކްސް ބްރޭންޑުގެ އިޝްތިހާރަކުންނެވެ. ލޯބީގެ ތީމަކަށް ކުޅުނު މި އިޝްތިހާރަކީ ކޮރެއަން ޑްރާމާއަކަށް ދޫނުކުރާވަރުގެ އިޝްތިހާރެއް ކަމަށާއި ބޮލީވުޑްގެ ރޮމޭންސް މި އިޝްތިހާރުން ވެސް ފާހަގަކުރެވުނު ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

މި އިޝްތިހާރާ އެކު ސިދާންތު ވާންވާނީ އިންޑިއާއިން ކޭ-ޑްރާމާއަކަށް ސޮއިކުރާ ފުރަތަމަ އެކްޓަރަށް ވާންޖެހޭނެ ކަމަށާއި އެ ފުރުސަތު އެންމެ ބޮޑަށް ހައްގުވަނީ ސިދާންތުއަށްކަން މި އިޝްތިހާރުން އެކްޓަރު ސާބިތުކޮށްދީފި ކަމަށް އެކްޓަރުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

ސިދާންތު ކޮރެއާގެ ފިލްމީ ތަރި ޗޭ ސޫ ބިންއާ އެކު ކުޅުނު އިޝްތިހާރުގެ ބައެއް މަންޒަރުތައް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ގައްލީ ބޯއި"އިން ބޮލީވުޑަށް ތައާރަފުވި ސިދާންތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޔުދުރާ"އިންނެވެ. ސިދާންތުގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ބަންޓީ އޯރް ބަބްލީ 2"، "ގެހެރާއިޔާ" އަދި "ކޯ ގަޔޭ ހަމް ކަހާ" ހިމެނެއެވެ.

ސިދާތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ދަޅަކް 2"އިންނެވެ. ބަތަލާ ތުރިޕްތީ ދިމްރީއާ އެކު ސިދާންތު ލީޑް ރޯލުން ފެންނާނެ މި ފިލްމު އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފައިވާއިރު އެއީ ކޮން ތާރީޚެއްކަން އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް