ދެ ކުދިން ބޮޑުކުރަން ބޭނުންވަނީ ޝާހުގެ ކުދިން ނަމޫނާއަކަށް ބަލައިގެން: ކަރަން

ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ދެ ކުދިން ކަމަށްވާ ރޫހީ އާއި ޔަޝްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ނުފޫޒުގަދަ ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދެ ކުދިން ބޮޑުކުރަން ބޭނުންވަނީ އެކްޓަރު ޝާހްރުކް ޚާންގެ ދެމަފިރިންގެ ކުދިން ނަމޫނާއަކަށް ބަލައިގެން ކަމަށް ކަރަން ބުނެފިއެވެ.

ކަރަން ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި ބުނެފައި ވަނީ ޝާހުގެ ތިން ކުދިންގެ ތެރެއިން އާރްޔަން އާއި ސުހާނާ އަކީ އޭނާގެ ކުދިން ރޯލް މޮޑެލްއަކަށް ބަލަން ބޭނުންވާ ދެ ޒުވާނުން ކަމަށެވެ.

ޝާހު އާއި ގޯރީ އަކީ ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު މީހުން ކަމަށްވީ ނަމަވެސް އާރްޔަން އާއި ސުހާނާ އަކީ މިޒާޖުގެ ގޮތުން ވަރަށް ސާދާ ދެ މީހުން ކަމަށާއި އެއްވެސް ކަހަލަ ބޮޑާ ކަމެއް އެ ދެކުދިންގެ ފަރާތުން ފެނިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ޝާހްރުކް އާއި ގޯރީގެ ތިން ކުދިން ކަމަށްވާ ސުހާނާ ޚާން، އަބްރަހަމް އަދި އާރްޔަން--ފޮޓޯ/ފިލްމުފެއަ

އާރްޔަން އާއި ސުހާނާ އަކީ އިންޑަސްޓްރީގައި އަމިއްލަފައިމައްޗަށް ތެދުވެ އަމިއްލަ ކެރިއަރެއް ބިނާކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ދެ ޒުވާނުންކަން ކަރަން ވަނީ ފާހަގަކޮށްފައެވެ. ކަރަން ފާހަގަކުރި ގޮތުގައި ސުހާނާ އާއި އާރްޔަން ބޭނުން ކޮންމެ ކަމެއް ވެސް ނުވަތަ ހާސިލުކުރަން ބޭނުން ކޮންމެ އެއްޗެއް ވެސް ހޯދައިދިއިނުމުގެ ގާބިލިއްޔަތުކަން މިއަދު ޝާހުއަށް ލިބިފައިވީ ނަމަވެސް އެ ފުރުސަތު ދެ ކުދިންވެސް ބޭނުންވަނީ އަމިއްލަ މަސައްކަތުން ހޯދުމަށެވެ.

ސުހާނާ އާއި އާރްޔަން އެންމެ ތުއްތުއިރުއްސުރެ ފެށިގެން ކަރަން އެކުދިން ގެންގުޅެފައިވާ ކަމަށާއި ފުރާވަރަށް އެރުމަށްފަހު އެ ދެ ޒުވާނުން މަސައްކަތްކުރާ މަންޒަރު ވަރަށް ގާތުން ކަރަންއަށް ފެނިފައިވާ ކަމަށް ދަރުމާގެ އިސްވެރިޔާ ވަނީ ބުނެފައެވެ.

ޝާހު އާއި ގޯރީއަށް ލިބިފައިވާ މަޝްހޫރުކަން އެ ދެ ޒުވާނުންގެ ކިބައިން އެއްވެސް އިރަކު ނުފެންނަ ކަމަށާއި ސުހާނާ އާއި އާރްޔަންއަށް ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ވަނީ ގޯރީ އާއި ޝާހު އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްކުރި ބުރަ މަސައްކަތުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކާމިޔާބު ފިލްމު ޑައިރެކްޓަރުގެ އެއްމާބަނޑު ދެ ކުދިން ކަމަށްވާ ޔަޝް އާއި ރޫހީ އަކީ ސަރޮގެސީ މެދުވެރިކޮށް ކަރަން ހޯދި ދެ ކުދިންނެވެ.

comment ކޮމެންޓް