އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ވުޖޫދުކުރުމުގައި، ގެންގުޅުނީ ގޯސް ނިޔަތެއް ކަމަށާއި، އެއީ މި ނިޒާމު އިސްލާހުކުރަންޖެހޭ އެންމެ މުހިންމު އެއް ސަބަބުކަމަށް ވިދާޅުވެ، މި ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ސަރުކާރު މެންބަރުން ތާއީދުކުރައްވައިފިއެެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދުވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 15 އަހަރު ފުރުނުއިރު، އެ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި، ގޮންޖެހުންތަކުގެ މައްޗަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވިޑައިގަންނަވާ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.
މި ގަރާރަށް ބަހުސްކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ، ރައްޔިތުންނަށް ބާރުތައް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އެ ބާރުވެރިކަން ރައްޔިތުންނަށް ލިބޭތޯ ސުވާލު އުފެއްދެވިއެވެ.
އޭނާ ނިސްބަތްވެވަޑައިގަންނަވާ އައްޑޫގެ، ސިޓީ ކައުންސިލުން ކަންކަން ކުރާ ގޮތުން މިސާލު ދައްކަވަމުން އައިބީ ވިދާޅުވީ، ގިނަ ކައުންސިލުތަކުން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރަށް ޖެއްސުންކުރުމަށް ކަމަށެވެ. އަދި ކަންކަން ކުރަނީ ކައުންސިލަރަކު ބޭނުންހާ ގޮތަކަށް ކަމަށެވެ.
"ކައުންސިލަރު ކިޔަސް، ކަތީބު ކިޔަސް، މޭޔަރު ކިޔަސް، ރަސްގެފާނު ކިޔަސް ރައްޔިތުންނަށް ޚިދުމަތް ލިބޭ ގޮތަށް މި ނިޒާމު އޮންނަން ޖެހޭނީ. މީގައި އެބަހުރި މައްސަލަ،" އޭނާ ވިދާޅުވިއެވެ.
ހަމަ މި މޭރުމުން ވާހަކަދައްކަވަމުން ތިނަދޫ އުތުރު މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި މި ގާނޫނު ވުޖޫދުކުރުމުގައި ވެސް ގެންގުޅުނީ ޖެއްސުންކުރުމުގެ ނިޔަތް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލައިނަމަ ކައުންސިލުތަކުގައި ބުރަ މަސައްކަތްކުރަނީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ. އަދި މިހާރު ކައުންސިލުތަކުގައި ހައެއްކަ މެންބަރުން ތިބެނީ މަސައްކަތެއް ނެތި ކަމަށާއި، ލާމަރުކަޒީ ނިޒާމު މުހިންމު ނަމަވެސް ކަން އޮންނަންވާނީ އެ އުސޫލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކައުންސިލަރުން މި ތިބެނީ ހަމަ ނަމެއްގައި، ވަރަށް މަދު ކައުންސިލެއްގައި ފިޔަވާ،" ސައުދުﷲ ވިދާޅުވިއެވެ.
މި ގަރާރު ހުށަހެޅުއްވި މެންބަރު، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ޝުޖާއު ވިދާޅުވީ މިހާރު ލާމަރުކަޒީ ގާނޫނު އޮތްގޮތުން އިންސާފުވެރިކަމެއް ނެތް ކަަމަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑުގައި ލީގަލް އޮފިސަރުން ފަދަ ވަޒީފާތައް ހިމެނުނު ނަމަވެސް، ރަށްރަށުގެ ކައުންސިލް ވަޒީފާތަކުގެ ތެރޭ އެ ފަދަ ކަންކަން ނެތްކަމަށާއި އެއީ ތަފާތުކުރުމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު --
ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ލާމަރުކަޒީ ނިޒާމު ތަޖުރިބާ ކުރެއްވުމަށްފަހު ކަމަށާއި، އެެހެންވެ މި ނިޒާމު ހަރުދަނާކުރުމަށް ގެންނަންޖެހޭ އިސްލާހުތައް ރައީސަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެއާއެކު ޝުޖާއު ވިދާޅުވީ، މި ގާނޫނަށް އިސްލާހު ގެނައުމުގައި، ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ގައުމީ މަސްލަހަތު އިސްކުރުން މުހިންމު ކަމަށެވެ.
ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް، މެންބަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅެވެ. އެގޮތުން ކައުންސިލަރުންގެ އަަދަދު މަދުކުރުމަކީ އެންމެ ފުރަތަމަ ރައީސް މީޑިއާއަށް ހާމަކުރެއްވި ޚިޔާލުފުޅެވެ.
އެއާއެކު އިދިކޮޅު އެމްޑީޕީގެ ފާޑުކިޔުމާއި، ކަންބޮޑުވުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވިއެވެ.
އޭގެ ދުވަސްތަތަކަށްފަހު މި އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއިރު ލިބިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނެކަމުގެ ކަންބޮޑުވުން ކަމަށެވެ.
އެހެންކަމުން އެ ކަންކަމަށް އަލިއަޅުވައިލައި، މި ނިޒާމު އިސްލާހު ކުރެވިދާނެ ގޮތެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް މަސައްކަތްކުރާ ގޮތަށް ކަނޑައެޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.