ފުލެޓު ނުލިބޭނެ ކަމަށް ބުނެ ފޮނުވި ސިޓީތަކެއްގައި ދޮގު މައުލޫމާތު ހިމެނޭ: ފަހި ޔޫނިއަން

ފަހި ޔޫނިއަންގެ ފަރާތުން ވަކީލު އަލީ ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ޝަކުވާތަކަށް އަލުން ރިއާޔަތްކުރުމަށް ފަހު ފްލެޓްތައް ދިނުމަށް ވަނީ ގޮވާލައްވާފައި --- ސަން ފޮޓޯ: މާނިއު މުހައްމަދު

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓަށް ޝަރުތު ހަމަނުވާކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބައެއް މީހުންނަށް ފޮނުވި ސިޓީތަކުގައި ހަގީގަތާ ޚިލާފު މައުލޫމާތު ހުރި ކަމަށް ފަހި ޔޫނިއަން ޖަމިއްޔާއިން ތުހުމަތުކޮށްފިއެވެ.

'ފަހި ޔޫނިއަން'އަކީ ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެކެވެ.

މިއަދު ފަހި ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފަރާތުން މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ފްލެޓް ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބައެއް ތާރީޚުތައް ފަހަނަހަޅައި ގޮސްފި ކަމަށާއި، ކުރީގެ ޝަރުތުތަކާ އެއްގޮތަށް ފްލެޓްތައް ދޫކުރާނެ ކަމަށް ބުނުމަށް ފަހު ވެސް, އެތައް ބަޔަކު ފުލެޓަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ ސަރުކާރުން ސިޓީ ފޮނުވަމުންދާ ކަމަށެވެ.

'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލޭގައި މެދުނުކެނޑި 15 އަހަރުވެފައިވުން ހިމެނެއެވެ.

އަލީ ވިދާޅުވީ، މާލޭގައި 15 އަހަރު ވަންދެން ދިރިއުޅުނު މީހުންގެ ތެރެއިން ކުޑަ ދުވަސްކޮޅަކަށް އެކި ސަބަބުތަކާ ހެދި މާލޭން ބޭރަށް ދިޔަ މީހުންނަށް ސިޓީ ފޮނުވާފައި ހުރި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، މާލޭގެ ރަށްވެއްސެއް ކަމުގައި ވިޔަސް، ބައެއް ވަޒީފާތަކުގެ ޒާތުން މާލޭން ބޭރަށް ދާން ޖެހޭ މީހުން ތިބިކަން ގަބޫލުކުރަން ޖެހެއެވެ. އެގޮތުން ފުލުހުންނާއި ސިފައިންނާއި މުދައްރިސުންނާއި ޑޮކްޓަރުންގެ މިސާލު ނަންގަވައި، އެ މީހުންގެ އާއިލާއާއި އަނބިދަރިން މާލޭގައި ދިރިއުޅެމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ދިމާވެފައި އެބަހުރި ޕްރިންސިޕަލުންގެ ގޮތުގައި، އެ މީހުންގެ އަނބިދަރިން މާލޭގައި ތިބެނީ، އެހެން ނަމަވެސް ދެ އަހަރަކު އެއް ސްކޫލަކު އެ މީހުންނެއް ހަގީގަތުގައި މަޑެއް ނުކުރެވޭ،" އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގައި 15 އަހަރު މެދުކެނޑުމެއް ނެތި ދިރިއުޅެފައި ނުވާތީ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ފޮނުވާފައި ހުރި ބައެއް ސިޓީތަކުގައި ހަގީގަތާ ޚިލާފު މައުލޫމާތު ހުރިކަމަށް އަލީ ވިދާޅުވިއެވެ. އެގޮތުން ތ. އަތޮޅުގެ އޮމަދޫގައި މީހަކު އެ ރަށުގެ ސްކޫލެއްގައި 2012 އިން 2017 އަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ، ޝަރުތު ހަމަނުވާ ކަމަށް މިނިސްޓްރީން ސިޓީ ފޮނުވާފައި އޮތް ކަމަށާއި، ނަމަވެސް އެ މީހާ އެއީ ދުވަހަކު ވެސް އެ ރަށަށް ދިޔަ މީހެއް ނޫން ކަމަށް އެ މީހާއާ ހަވާލާދީ އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މީހާ މަސައްކަތްކުރި ކަމަށް ބުނާ ސްކޫލަށް ސިޓީ ފޮނުވުމުން އެ ނަން ކިޔާ މީހަކު މަސައްކަތްކޮށްފައި ނުވާ ކަމަށް ސްކޫލުން ބުނި ކަމަށާއި، އެ ނަން ކިޔާ މީހަކަށް ޕެންޝަން ފައިސާ ޖަމާކޮށްފައިނުވާ ކަމަށް ވެސް އެ އޮފީހުން ބުނި ކަމަށެވެ.

"އެހެންވީމާ މިއިން އެނގޭ އެއްޗަކީ ހައުސިން މިނިސްޓްރީ ނުވަތަ ޕްލޭނިން މިނިސްޓްރީން އަސްލު އެކަށީގެންވާ ވަރަށް ނުބަލައި އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ މައްޗަށް ބިނާނުކޮށް ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަގީގަތުގައި ސިޓީތައް ފޮނުވަމުން މި ދަނީ،" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ހައުސިން މިނިސްޓްރީގެ ތެރޭގައި މިނިސްޓަރު އަބްދުالله މުއްތަލިބާ ދެކޮޅަށް މަސައްކަތްކުރާ މުވައްޒަފުން އެބަ ތިއްބެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ހައުސިން މިނިސްޓްރީން ޝަރުތު ހަމަނުވާ ކަމަށް ބުނެ މީހުންނަށް ދޮގު މައުލޫމާތު ހިމެނޭ ސިޓީ ފޮނުވާފައި ވަނީ މުއްތަލިބަށް ވެސް ސީދާ ނޭނގިއެވެ.

އެހެންކަމުން މި ސިޓީތައް ފޮނުވި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހޯދައި ފިޔަވަޅު އެޅުމަށް އަލީ ގޮވާލެއްވިއެވެ.

"މިހާރު މިނިސްޓަރަށް ވާނެ ގޮތަކީ މީހަކު މި ހާލަތުގައި އޮތް އެއްޗެކޭ ކިޔައިފައި ސިޓީއެއް ގެނައިމަ މިނިސްޓަރަކަށް ކްރޮސް ޗެކް ނުކުރެވިދާނެ، ދަންނަވަން މި އުޅޭ ވާހަކައަކީ ސިޓީތައް ޑްރާފްޓްކުރާ މި ސިޓީތައް ލިޔާ މީހުން ރަނގަޅު މައުލޫމާތު ހަގީގަތުގައި މިނިސްޓަރަށް ފޯރުކޮށްދޭން ޖެހެނީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން މީގެ ކުރިން ބުނީ މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެ ކަމަށާއި، މާލޭގެ ރަށްވެއްސަކަށް ވީތާ 15 އަހަރު ނުވާނަމަ، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތަކަށް ބަލާފައިވާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މައުލޫމާތާ ޚިލާފަށް ޕޮއިންޓު ދީފައިވާނަމަ ކަމަށާއި، އެކަން ޕޯޓަލުން އެނގެން ހުންނާނެ ކަމަށް މިނިސްޓްރީން އޭރު ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ.

މުއްތަލިބު ވަނީ، މި މަހުން ފެށިގެން ފްލެޓުތައް ހަވާލުކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސީދާ ތާރީޚެއް ނުދެއްވައެވެ.

comment ކޮމެންޓް