މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ހައުސިން މިނިސްޓްރީން މިއަދު ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައި ކަމަށެވެ.
މީގެ ކުރިން ވަކިން ހިންގަމުން އައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފީސް އިމާރާތުގައި މިދިޔަ ޑިސެންބަރު މަހުގެ 12ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ލިބުނު ގެއްލުންތަކާ ގުޅިގެން އެ އިމާރާތް ވަނީ ތަޅާލައިފައެވެ. އެ ބިމުގައި މާލޭ ސިޓީ ކައުންސިލްގެ ތިން ސެކްޝަނެއް ހިންގާ އިމާރާތެއް ވެސް ހުއްޓެވެ.
ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގައެވެ.
ރަޖިސްޓްރީ ދޫކުރަނީ މިމަހުގެ އެއް ވަނަ ދުވަހު، އެކަމަށް އެޕޮއިންޓްމެންޓަށް އެދުމަށް ހުޅުވާލުމުން އެޕޮއިންޓްމެންޓަށް އެދުނު މީހުންގެ ތަރުތީބުންނެވެ. އަދި އެ މަސައްކަތް ރަސްމީ ދުވަސްތަކުގައި 9:00އިން 15:00އަށް ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގޯތީގެ ރަޖިސްޓްރީ ހޯދަން ދާ މީހުން، އެ މީހެއްގެ އައިޑީ ކާޑުގެ އަސްލާއި މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެންދަން ޖެހޭނެއެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ގުޅިފަޅު ރަޖިސްޓްރީ ދޫކުރުން: ގުޅިފަޅު ގޯތީގެ ރަޖިސްޓަރީ ދޫކުރަން މިއަދު ވަނީ ފަށައިފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ.
މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގައެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.
މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފައެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ.
އެ ބަދަލު ގެނައިކަން ހާމަކުރި ފަހުން، ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ، މި ސަރުކާރުން އެއްބަސްވުމަށް ގެނައި ބަދަލު ބަލައިނުގަންނާނެ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
އޭގެ ފަހުން ބުދަ ދުވަހުގެ ރޭ މުއްތަލިބު އެކްސްގައި ވިދާޅުވީ، މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށް މިނިސްޓްރީން މިހާރު ނިންމައިފައިވާ ކަމަށެވެ. އޭގެ މަގުސަދަކީ ގޯތި ދޫކުރުން އަވަސް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ނުލިބޭނެތީ، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށް ޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން އިއުލާންކޮށްފައިވެއެވެ.