މި މަހުގެ ފަހުކޮޅު ރިލީޒްކުރާނެކަން އިއުލާނުކުރި ސިދާތު މަލްހޯތުރާއާއި ޖާންވީ ކަޕޫރުގެ ލޯބީގެ ފިލްމު "ޕަރަމް ސުންދަރީ" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.
މި ފިލްމު މީގެ ކުރިން ރިލީޒްކުރަން ނިންމީ މި މަހުގެ 25ވަނަ ދުވަހަށެވެ. މި މަހުގެ ފަހުކޮޅު ފިލްމު ރިލީޒްކުރަން ފަސްކުރެވުނީ އަޖޭ ދޭވްގަންއާއި ބަތަލާ މްރޫނާލް ތާކުރުގެ ފިލްމު "ސަން އޮފް ސަރުދާރު 2" ރިލީޒްކުރާ ތާރީޚު އޭރު ފުށުއަރާތީއެވެ.
ނަމަވެސް, މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ސައްޔާރާ"އަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން އަޖޭގެ ފިލްމު ވެސް ވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ރިލީޒްކުރަން ފަސްކޮށްފައެވެ.
އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭ ދަރުމާއިން ގެނެސްދޭ ފިލްމު "ދަޅަކް 2" ރިލީޒްކުރާނެކަން އިއުލާނުކުރުމާ އެކު ފިލްމު "ޕަރަމް ސުންދަރީ" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އޮގަސްޓް މަހުގެ ފަހު ހަފުތާ ނުވަތަ ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޕަރަމް ސުންދަރީ"ގެ މަންޒަރެއްގައި ސިދާތު އާއި ޖާންވީ--ފޮޓޯ/ޕިންކްވިލާ
ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމު "ސައްޔާރާ"އަށް އޮގަސްޓް މަސް ފެށުމާ ހަމައަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭނެކަމަށް ޓްރޭޑް އެނަލިސްޓުން އަންދާޒާކޮށްފައިވާތީ އެ ފިލްމުގެ ހިޔަނި "ޕަރަމް ސުންދަރީ"އަށް އެޅިދާނެކަމުގެ ބިރު އެބައޮތް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ހަމައެއާއެކު ފިލްމު "ދަޅަކް 2"އަކީ ވެސް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމަކަށްވެފައި ފިލްމު "ޕަރަމް ސުންދަރީ"ގެ ވުޖޫދެއް އޭރު ނޯންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިދާތާއި ޖާންވީ ލީޑް ރޯލުން ފެންނާނެ "ޕަރަމް ސުންދަރީ"އަކީ ދިނޭޝް ވީޖަންގެ މެޑޮކް ފިލްމްސްގެ އުފެއްދުމެކެވެ. މިއީ މި ދެތަރިން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.