ނޭޕާލުގައި ބާއްވާ ވޯލްޑް ޓީމު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސީނިއާ މެންސް/ވިމެންސް ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ފުރައިފިއެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 30-31 އަށެވެ.
އީރާނުގެ ތަޖުރިބާކާރު ކޯޗު މަހުދީ ހޯޝްމަރަމްގެ އިރުޝާދުގެ ދަށުން މި މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގައި ވަނީ ގިނަ ފަރިތަކުރުންތަކެއް ބާއްވާފައެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ މިހާރު ރާއްޖޭގެ ޓޭބަލްޓެނިހުގައި އެންމެ ފާހަގަކޮށްލެވޭ އުންމީދީ ކުޅުންތެރިންނެވެ.
ސްކޮޑުގައި ތިބި އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، އައިޝަތު އަލްސާ ނާފިޒެވެ. ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު ޝައްފާން އިސްމާއިލް، އަހުޔާރު އަހުމަދު ހާލިދު އަދި މުހައްމަދު ޒީސްތު ނަސީމެވެ. ޓީމުގެ މެނޭޖަރަކީ އަހުމަދު ޝާޒިލެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން ނޭޕާލާއި އިންޑީއާ އަދި ބަންގްލަދޭޝްއާއި ލަންކާގެ ކުޅުންތެރިން ވާދަކުރެއެވެ.