ދިވެހިރާއްޖޭގެ އިގްތިސޯދު ވެސް ދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ކަމަށާއި، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ނުހިނގައޭ ބުނެ ދައްކަނީ ވެސް ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ރަނގަޅަށް ވިސްނާލައިފިނަމަ، މިހާރު ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހައްލުކުރެވި ގައުމުގެ އިގްތިސޯދު ކުރިއަށްދާކަން އެނގޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިކޮނޮމީ މިއަދު މިދަނީ ކުރިއަށް. ގްރޯވަމުން މިދަނީ. އާމްދަނީ ވެސް އިތުރުވަމުން މިދަނީ. ވިސްނާވަޑައިގެންފިއްޔާ އެނގޭނެ މިހާރު ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހައްލުކުރެވި، ގައުމު އެބަ ކުރިއަށްދޭ. އިގްތިސޯދު އެބަ ކުރިއަށްދޭ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގައި ހަމައެކަނި ބަލައިގަންނަންޖެހޭ ކަމަކީ، ރަށްރަށުގައި ހިންގާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ވެސް ނޫން ކަމަށެވެ. އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓާގެ ވަރަށް ގިނަ މަސައްކަތްތައް ވެސް ހިމެނޭ ކަމަށާއި، އެއް މިސާލަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑެތި އިންވެސްޓްމަންޓުތައް މިހާރު ވެސް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހިނގައޭ ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުން ދައްކަނީ މުޅިއަކުން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
އެންމެ ގިނައިން އަޅުގަނޑުމެންނަށް ފާޑު ވިދާޅުވާ ބޭފުޅުން ދައްކާ އެއް ހުއްޖަތަކީ ރަށް ރަށުގެ ޕްރޮޖެކްޓުތައް ނުހިނގައޭ. ކުރިއަކަށް ނުދެއޭ. މިއީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން. ޕްރޮޖެކްޓުތައް ވެސް އެބަ ހިނގާ ވަރަށް ގިނަ ރަށްރަށުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ކޮންމެ ރަށަކަށް، ކޮންމެ ސިޓީއަކަށް، އަކުރުން އަކުރަށް ފުއްދުމަށްޓަކައި، ކުންފުނިތަކާއި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގައި ވެސް ޕްރޮޖެކްޓުތައް މިހާރަށްވުރެ އިތުރަށް ހިނގަމުންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ.
މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން ކޮށްފައި' އޮތުމުން ކަމަށް ބުނެފައިވެއެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ ވަރަށް ފައިސާ ޖަހާފައި ނެތް ކަމަށާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބަޖެޓުގައި ފައިސާ ޖަހާފައި ހުރުމުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވީ ކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ.
ނަމަވެސް މިހާރު އޮތް 20 ވަނަ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި ބަޖެޓާއެކު ވެސް އަދި މަޝްރޫއުތައް އުޅެނީ ރަނގަޅަށް ނުހިންގިގެން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ކަން އެހެން އޮއްވައި، ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ދަށްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވެސް ދައްކައެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.8 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.
އަހަރު ދެބައިވިއިރު މަޝްރޫއުތަކަށް ކުރި ހޭދަ މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.