ސަރުކާރު ހިންގާ ޕީއެންސީން ބޭނުންވަނީ ބާރުތަކުގައި "ބަގުޑި" ބައްދައިގެން ތިބެ، ރައްޔިތުންނަށް އެއްވެސް ބާރެއް ނުލިބޭ ގޮތް ހެދުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކޮށްފައި ވަނީ، ގިނަ ކައުންސިލުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.
މި އިސްލާހާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަކީ އެމްޑީޕީގެ "ބަނޑުން ވިހެއި" ދަރިއެއް ކަމަށެވެ. އެފަދައިން ވިދާޅުވާ ކޮންމެ ފަހަރަކު އިދިކޮޅު ޕީއެންސީގެ ބޭފުޅުން "ހަޖޫ ޖައްސަވާ" ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޕީއެންސީން ބޭނުންފުޅު ވަނީ މާލެއަށް މަރުކަޒު ކޮށްގެން، ބާރުތަކުގައި ބަގުޑި ބައްދަވައިގެން ތިއްބަވައި، ރައްޔިތުންނަށް އެއްވެސް ވަރަކަށް ބާރެއް ލިބުނަ ނުދިނުމަށް. އެހެންވީމައި މި އުޅެނީ މަފުހޫމުގެ ތަފާތެއް
ޕީއެންސީއާ ޚިލާފަށް އެމްޑީޕީއަކީ ބާރުތައް ލާމަރުކަޒު ކުރުމަށް ތާއިދުކޮށް، އެކަމަށް ހިތްވަރުދީ މަގުފަހުކޮށްދޭ ޕާޓީއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިން: ޝާޙިދު ވިދާޅުވީ، ޕީއެންސީން ބޭނުންވަނީ ބާރުތަކުގައި 'ބަގުޑި' ބައްދައިގެން ތިބެ، ރައްޔިތުންނަށް އެއްވެސް ބާރެއް ނުލިބުމަށް ކަމަށް --- ފޮޓޯ/ އެމްޑީޕީ
އޭގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ލާމަރުކަޒީ ނިޒާމުގެ ދުވަސް ދުއްވާލުމަށް ފެއްޓެވީ ހަޖޫ ޖައްސަވަން ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ.
[ރައީސް] ވިދާޅުވީ ކައުންސިލްތަކުގައި ތިބެނީ މަންމައާއި ބައްޕައާއި ދަރިންނޭ. ދަނީ މަހަށޭ. ނިކަމެތިކޮށްލަށްވާނަމޭ ވިދާޅުވެ، ހިތްޕުޅާ ވިދާޅުވީ މަހަށް ދަނިއްޔޭ. އެކަމަކު، އެއަށް ވުރެ ޝަރަފުވެރި މަސައްކަތެއް ދިވެހިރާއްޖޭގައި ނޯންނާނެ
އޭގެފަހުން، ކައުންސިލްތަކަކީ ބޭރު ދަތުރުކުރާ ބައެއް ކަމަށް ރައީސް ވިދާޅުވިކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. މިހާރު ބޭކާރު ދަތުރުކުރަނީ ސަރުކާރުން ކަމަށާއި އެކަމުގެ "ތުހުމަތުގެ އިނގިލި" ދިޔައީ ކައުންސިލްތަކާ ދިމާލަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކުގެ އިތުބާރު ނަގައިލުމަށާއި އަގު ވައްޓާލުމަށެވެ.
ހަމައެހެންމެ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަން ވީމައި ހަަމަޖެހޭ ކަމަކަށްވާއިރު، ކައުންސިލްތަކުން އެކަންކަމަށް ނުވަނުމަށް އެންގުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރުންނާއި ކައުންސިލްތަކުން ވެސް އަމިއްލަ ވިޔަފާރިތަކަށް ނުވަނުމަށް ގޮވާލައްވާފައެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމު މަގުމަތި ވިޔަނުދޭނެކަން ޝާހިދު މިރޭވެސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް ދިފާއު ކުރައްވައި، މިނިސްޓަރު އާދަމް ޝަރީފް މިރޭ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ކޮށްދެއްވާ ކަންތައްތައް ކިޔައިދެއްވާފައެވެ.
އެގޮތުން، ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާ ގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫއުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ކައުންސިލްތައް ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްފުޅުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.