ރާއްޖޭގެ ހަގީގީ ތަރައްގީ ފެށުނީ ލާމަރުކަޒީ ނިޒާމަކުން ރަށާއި އަތޮޅުގެ ކަންކަން ނިންމަން ސީދާ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ދޭން ފެށި ހިސާބުން ކަމަށް, ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.
ގއ. ގެމަނަފުއްޓަށް އިއްޔެ ވަޑައިގެން ފައިސަލް ވަނީ އެ ރަށު ކައުންސިލުން ބޭއްވި ވޮލީ މުބާރާތުގެ ފައިނަލް މެޗު ރޭ ޝަރަފްވެރި ކޮށްދެއްވައިފައެވެ. އެ ހަފުލާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެއްވާތަން ފެނިވަޑައިގަންނަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމަކުން ރަށުގެ އަދި އަތޮޅުގެ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ދޫކޮށްލެވުނު ހިސާބުން، ރަށުގެ ރައްޔިތުންނަށް ރަށުގައި އެންމެ މުހިންމީ ކޮން އެއްޗެއްތޯ ބުނުމުގެ އިޚްތިޔާރާއި ބާރު ދޫކޮށްލެވުނު ހިސާބަކީ ހަގީގީ ރާއްޖޭގެ ތަރައްގީ ފެށުނު ހިސާބު," ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް މިހާރު ލިބިފައިވާ ބާރާއި އިހުތިޔާރުތަކުގެ ތެރެއިން ކުރެވިދާނެ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. ހަމައެހެންމެ ރައްޔިތުން ކައުންސިލްތަކާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެ ވަގުތެއްގައި އޮންނަ ސަރުކާރަކުން ކައުންސިލްތަކަށް އެއްބާރުލުން ދީ، ކައުންސިލްތަކަށް އިތުރު ބާރުތައް ދޭން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް. ކޮންމެ ފަރުދެއްގެވެސް ގައުމު އަޅުގަނޑުމެންގެވެސް ޒިންމާ. ގައުމުގެ ހަމަޖެހުންވެސް، ގައުމުގެ ކުރިއެރުންވެސް، ތަރައްގީ ހޯދުންވެސް އެއީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރަންޖެހޭނެ ކަމެއް." ފައިސަލް ވިދާޅުވިއެވެ.
ކުޅިވަރަކީ ބޭކާރު އެއްޗެއް ނޫން ކަމަށާއި، ތައުލީމީ ގޮތުން ކުރިއެރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ އިތުރުން އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ވެސް ކުޅިވަރު ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ގަމަނަފުށީގެ އަމާންކަމާއި އެކުވެރިކަން ފެނި އުފާ ކުރައްވާ ކަމަށާއި އެހެންކަމުން އެގޮތަށް އުޅޭ ކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް ފައިސަލް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
"ގައުމު ކުރިއަރައިގެން ދާނެ ކަމަށް ވަނީނަމަ، އަދި އަމާންކަން ބޭނުންވާ ކަމަށް ވަނީނަމަ، ރަނގަޅަށް ހަމަޖެހިލައިގެން އުޅެން ބޭނުންވާ ކަމަށް ވަނީނަމަ، ނަމޫނާއަކަށް ބަލަންވީ އަމާންކަން ކޮންމެ މީހެއްގެ ޒިންމާއެއްގެ ގޮތުގައި ދެމެހެއްޓުމަށް. އަދި އެކުވެރިކަމާއި އެއްބާރުލުން އެކަކު އަނެކަކަށް ދިނުން، އެއް ރަށުން އަނެއް ރަށަށް ދިނުން، އެ އަތޮޅުން އަނެއް އަތޮޅަށް ދިނުމަކީ ގައުމު ކުރިއަރައިގެންދާނެ ގޮތް," ފައިސަލް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމުގެ ވާހަކަ ފައިސަލް ރޭ ދައްކަވާފައިވާއިރު ސަރުކާރުން ހުށަހަޅައި އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލްތަކަށް ލިބިފައިވާ ބައެއް ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ފާސްކޮށްފައެވެ. އެ ކަމާ ދެކޮޅަށް ފައިސަލް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ ވާހަކަ ދައްކަވައިފައެވެ.