ހުމާގެ އާއިލާއާ ގުޅުން އޮތް މީހަކަށް ހަމަލާދީ މަރާލައިފި

ބޮލީވުޑް ބަތަލާ ހުމާ ގުރައިޝީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބަތަލާ ހުމާ ގުރެއިޝީގެ ދެބެއިންގެ ދެދަރި މީހެއް ކަމަށްވާ އާސިފް ގުރެއިޝީއަށް ހަމަލާދީ މަރާލައިފިއެވެ.

އާސިފް ގުރެއިޝީ މަރާލާފައި ވަނީ، އިންޑިއާގެ ނިއު ދިއްލީގެ ޖަންގްޕޫރާ ސަރަހައްދެއްގައި ސައިކަލެއް ޕާކު ކުރުމާ ގުޅިގެން އެ ހިސާބުގައި އުޅުނު ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެތެރޭގައެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 10:30 އާއި 11:30އާ ދެމެދުގެ ވަގުތެއްގައެވެ.

ޖަންގްޕޫރާ ސަރަހައްދުގައި ހުންނަ އާސިފް ދިރިއުޅޭ ގޭގެ ކުރިމަތީގައި އޭނާގެ އަވަށްޓެރިއަކު ސައިކަލެއް ޕާކްކުރި މައްސަލައިގައި އާސިފް، އެ އަވަށްޓެރިއާއާއި އިތުރު މީހަކާ ދެއްކި ވާހަކައިގެ ތެރެއިން ހަމަނުޖެހުމެއް އުފެދުނު ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ހުމާ ގުރައިޝީ އަދި މަރާލެވުނު އާސިފު ގުރައިޝީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ހާދިސާގައި ތޫނު އެއްޗަކުން އާސިފަށް ހަމަލާދީ މަރާލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް ވަނީ ރެކޯޑުކުރެވިފައެވެ. އާސިފްގެ އަންހެނުން ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މީގެކުރިން ވެސް އެ މީހުންގެ އަވަށްޓެރިޔާ ކަމަށްވާ 19 އަހަރުގެ އުޖްވަލްއާ އާސިފާ ދެމެދު އެކި ކަންކަމާ ގުޅިގެން ދެބަސްވުންތައް ހިނގާފައި އެބަހުރި ކަމަށެވެ.

އުޖްވަލް ނަމަކަށް ކިޔާ މީހާއާއި އިތުރު މީހަކާ ބައިވެރިވެގެން އާސިފް މަރާލާފައި ވަނީ މާޒީގައި ހިނގާފައި ހުރި ދެބަސްވުންތަކާ ވެސް ގުޅިގެން ކަމަށް އާސިފްގެ އަންހެނުން ވަނީ ބުނެފައެވެ.

ހުމާގެ އާއިލާއާ ގުޅުން އޮތް އާސިފް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައާ ގުޅުންހުރި ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް