މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރާއި 30 މިނެޓް ފަހު، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިއެވެ.
މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު 9:30ހާއިރެވެ. އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް އިތުރު ތަފުސީލެއް މިހާތަނަށް ދީފައިނުވެއެވެ.
ސްޓެލްކޯއިން 10:17ހާއިރު ވަނީ ކަރަންޓު ބައެއް ސަރަހައްދުތަކަށް ދޭން ފަށައި، މާލޭގެ ބައެއް ހިސާބުތަކަށް ދީފައިވާ ކަމަށް ބުނެފައެވެ. އަދި 11:30ހާއިރު އެ ކުންފުނިން ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށް ބުނެފައެވެ.
މުޅި މާލެއަށް ކަރަންޓު ދިނުމަށް ޓަކައި، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭރު ސްޓެލްކޯއިން ބުންޏެވެ.
އެއަށްފަހު 12:13ގައި ސްޓެލްކޯއިން ބުނީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.
ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104އަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ދެ މަސް ދުވަސް ކުރިން ވެސް މާލެ ސަރަހައްދަށް މި މައްސަލަ ދިމާވިއެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު 12:35 އެހާކަންހާއިރު މާލެއާއި ހުޅުމާލެއަށް ކަރަންޓު ކެނޑި ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ފަސް ގަޑިއިރަށް ވުރެ ބޮޑުވީ ފަހުން، 18:30ހާއިރެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންގެވިއެވެ. އެހެންވެ، ފުލުހުން އެ މައްސަލައިގެ ޚާއްސަ ތަހުގީގެއް ފެށި ނަމަވެސް، ތަހުގީގުގެ ނަތީޖާ މިހާތަނަށް ވެސް ހާމަކޮށްފައި ނުވެއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށްވާއިރު، ކުއްލިއަކަށް ކަރަންޓު ކެނޑުމަކީ ގިނަ ދަތިތަކެއް ދިމާވާ ކަމެކެވެ. އޭގެ ސަބަބުން، ކަރަންޓު ބޭނުންކުރާ ސާމާނަށް ގެއްލުންތައް ލިބި، ވިޔަފާރިތަކަށް ވެސް ގެއްލުމާ ކުރިމަތިލާން ޖެހެއެވެ.