މުޅި މާލެއިން ކަރަންޓް ކެނޑުނު ސަބަބު އެނގޭ، ހައްލު ކުރާނަން: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: މުޅި މާލެއިން ކަރަންޓް ކެނޑުނު ސަބަބު އެނގޭ، ހައްލު ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ސްޓެލްކޯ

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަބަބުން ސްޓެލްކޯއަށް އެނގޭ ކަމަށާއި، މައްސަލަ ހައްލުކުރާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު 9:30ހާއިރެވެ. އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް އިތުރު ތަފުސީލެއް ދީފައިނުވެއެވެ.

އެ ކުންފުނިން 10:17ހާއިރު އަލުން ކަރަންޓު ދޭން ފަށައި، މުޅި މާލެއާއި ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށް ބުނީ ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރާއި 40 މިނެޓް ފަހުން، 12:13ގައެވެ.

https://sun.mv/209693

ރާއްޖޭގެ އާބާދީގައި ހިމެނޭ ގިނަ ބަޔަކު ދިރިއުޅޭ މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން ދިމާވި ސަބަބާ ގުޅޭ ގޮތުން "ސަން"އިން ފަހުމީއާ ސުވާލުކުރުމުން ވިދާޅުވީ، ދިމާވި މައްސަލަ އެނގޭ ކަމަށާއި އެއީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގެ އިތުރު މައުލޫމާތަށް އެދުމުން ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓެކްނިކަލް ތަފުސީލުތައް މިވަގުތު ދެންނެވެން ނެތް ކަމަށެވެ.

"[ދިމާވި] މައްސަލަ އެނގޭ. އަދި ދެން އަޅުގަނޑުމެން [މައްސަލަ] ސޯޓް އައުޓް ކުރަމުން މިދަނީ،" ފަހުމީ ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު ވެސް މުޅި މާލޭއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ދުވާލުގެ ބޮޑު ބައެއް އެ ޚިދުމަތް ނުލިބި ހޭދަކުރަން ޖެހުނެވެ.

އެފަދަ މައްސަލަތައް އިތުރަށް ތަކުރާރުވުމާ ގުޅޭ ގޮތުން ފަހުމީ ވިދާޅުވީ މިފަދަ ހާލަތްތައް ދިމާނުވާނެކަން ކަށަވަރު ކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ކުއްލިއަކަށް ކަރަންޓު ކެނޑުމަކީ ޚިދުމަތްތައް މެދުކެނޑި، ގިނަ ދަތިތަކެއް ދިމާވާ ކަމެކެވެ. އޭގެ ސަބަބުން، ކަރަންޓު ބޭނުންކުރާ ސާމާނަށް ގެއްލުންތައް ލިބި، ވިޔަފާރިތަކަށް ވެސް ގެއްލުމާ ކުރިމަތިލާން ޖެހެއެވެ.

މިދިޔަ ޖޫން މަހު ކަރަންޓު ކެނޑި ގިނައިރުވުމުން، ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑާލައި، ކުދިން ގެއަށް ފޮނުވާލަން ޖެހުނެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންގެވިއެވެ. އެހެންވެ، ފުލުހުން އެ މައްސަލައިގެ ޚާއްސަ ތަހުގީގެއް ފެށި ނަމަވެސް، ތަހުގީގުގެ ނަތީޖާ މިހާތަނަށް ވެސް ހާމަކޮށްފައި ނުވެއެވެ.

comment ކޮމެންޓް