އަކްޝޭއާއި އަރުޝަދުގެ ފިލްމުގެ ޓީޒާ މި އޮތީ

އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ކޮމެޑީ ކޯޓްރޫމް ޑްރާމާ "ޖޮލީ އެލްއެލްބީ 3"ގެ ޓީޒާއާ އެކު ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.

ފިލްމުގެ ދެވަނަ ޓީޒާ ބެލުންތެރިންނަށް ދައްކާލިއިރު "ޖޮލީ އެލްއެލްބީ 3"ގެ ލީޑްރޯލް ކުޅޭ ތަރިންކަމަށްވާ އަކްޝޭ ކުމާރު އަދި އަރުޝަދު ވާރުސީގެ ހޫނު ބަހުސްތަކެއް ފިލްމުގެ ޓީޒާއިން ދައްކާލައެވެ.

ޤާނޫނީ މައްސަލަތަކެއް ކުރިއަށްގެންދާ ކޯޓު ތެރޭގައި ހިނގާ މި ބަހުސްތަކާ އެކު ހެއްވާ މަޖާ ހާދިސާތަކެއް ފެންނައިރު ދެ ތަރިންގެ ސަބަބުން ކޯޓުގެ ތަޅުންގަނޑު ހޫނުވެ، ފަނޑިޔާރާ އެކު ވަރުގަދަ ބަހުސަކަށް ދާ މަންޒަރު ބެލުންތެރިންނަށް ފެނެއެވެ. އަކްޝޭއާއި އަރުޝަދުގެ އިތުރުން ފަނޑިޔާރުގެ ރޯލުން ސޫރަބް ޝުކްލާ ފެންނަ މި ފިލްމު ސިނަމާތަކަށް ގެންނާނީ ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހެވެ.

ފިލްމު "ޖޮލީ އެލްއެލް ބީ3"ގެ ޓީޒާގެ މަންޒަރެއްގައި އަކްޝޭ އާއި އަރުޝަދު--ފޮޓޯ/މިޑްޑޭ

މީގެ ކުރިން ވެސް މި ފްރެންޗައިސްގެ ދަށުން ދެ ބައި ގެނެސްދީފައިވާއިރު އަންނަ މަހު ރިލީޒްކުރާ ފިލްމުގެ ވާހަކަ ތަފާތުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ޖޮލީ އެލްއެލްބީ 3"ގެ ޓީޒާ ބެލުމަށް ފަހު ގިނަބަޔަކު ބުނެފައިވަނީ އަކްޝޭއާއި އަރުޝަދުގެ ފަރާތުން ފެންނަން ބޭނުންވަނީ މިކަހަލަ ފިލްމުތައް ކަމަށެވެ.

އަކްޝޭއާއި އަރުޝަދުގެ އިތުރުން މި ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ކުރީގެ ދެ ފިލްމުން ވެސް ފެނުނު ހުމާ ގުރައިޝީ އަދި އަމްރީތާ ރާއޯއެވެ. މި ފަހަރުގެ ފިލްމު ވެސް ޑައިރެކްޓްކޮށްފައިވަނީ ކުރީގެ ދެ ފިލްމު ގެނެސްދިން ސުބާޝް ކަޕޫރެވެ.

comment ކޮމެންޓް