ސޫރަޖްގެ ފިލްމަށް އަޔުޝްމާނާ އެކު ޝަރުވަރީ

ފިލްމީ ތަރި ޝަރުވަރީ ވާގް--ފޮޓޯ/މިޑް-ޑޭ

ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ އަލަށް ފަށާ އާއިލީ ޑްރާމާ ފިލްމުގައި އެކްޓަރު އަޔުޝްމާނާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޝަރުވަރީ ވާގް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއީ އަޔުޝްމާންއާއި ސޫރަޖް އެކީގައި އަލަށް މަސައްކަތްކުރާ ފިލްމުގެ އިތުރުން ބަތަލާ ޝަރުވަރީއާ އެކު ވެސް އެކްޓަރު ފެންނާނެ ފުރަތަމަ ފިލްމެވެ.

މިހާތަނަށް ބޮލީވުޑް އެކްޓަރު ސަލްމާން ޚާން ކުޅެމުން އައި ޕްރޭމްގެ ކެރެކްޓާ އަޔުޝްމާން ކުޅޭ މި ފިލްމަކީ ސޫރަޖްގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ހަގީގީ ދިރިއުޅުމާ ވަރަށް އެއްގޮތް ވާހަކަތަކެއް ގެނެސްދޭނެ ފިލްމެއް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން، ސޫރަޖް މިހާތަނަށް ގެނެސްދީފައިވާ ރީތި މަގުބޫލު ފިލްމުތައް ކަމަށްވާ "ހަމް އާޕްކޭ ހޭ ކޯން"، "މޭނޭ ޕިޔާރު ކިޔާ"، "ހަމް ސާތު ސާތު ހޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ"ފަދަ ފިލްމުތަކުގެ ރަހަތައް އާ ފިލްމުން ވެސް ފެންނާނެ ކަމަށް ސޫރަޖް ވަނީ ބުނެފައެވެ.

އަޔުޝްމާން ކުރާނާ އަދި ބަތަލާ ޝަރުވަރީ ވާގް--ފޮޓޯ/ފިލްމުފެއަ

ބަތަލާ ޝަރުވަރީ އަދި އަޔުޝްމާން ފަދަ ފިލްމީ މަސައްކަތްތަކަށާއި ފިލްމު ކެރިއަރު އިތުރަށް ތަރައްޤީކުރުމަށް ބުރަ މަސައްކަތްކުރާ ދެ ތަރިންނާ އެކު މަސައްކަތްކުރެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ސޫރަޖް ވަނީ ބުނެފައެވެ.

ނަމަވެސް، އޭނާގެ ކޮންމެ ފިލްމެއް ފެށުމާ އެކު ވެސް ބެލުންތެރިންނަށް އިންސާފުވެރިކަމާ އެކު ފިލްމު ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރެވޭނެތޯ އެއީ އަމިއްލަ ނަފުސާ ކުރެވޭ ސުވާލެއް ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުނުގޮސްދާނެތީ އެކަމާ ވަރަށް ހާސްވެ ޖެހިލުންވާ ކަމަށް ސޫރަޖް ވަނީ ބުނެފައެވެ.

ފިލްމު "ބަންޓީ އޯރް ބަބްލީ 2"އިން 2021 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "ވެދާ"އެވެ. އުޖާލާ ކުރިމަގެއް އޮތް ޝަރުވަރީއަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމީ ތަރިއެކެވެ.

ޝަރުވަރީ އަންނަނީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ"ގެ ވެސް މުހިންމު ރޯލަކަށް ސޮއިކޮށް އެ ފިލްމުގެ ޝޫޓިން ވެސް ފަށާފައެވެ.

comment ކޮމެންޓް