ކޮމެޑީ ޝޯތަކާއި ފިލްމުތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ މި އެކްޓަރުން

އިންޑިއާގެ މަޝްހޫރު ކޮމީޑިއަނުން ކަމަށްވާ ވީރު ދާސް، ކަޕިލް ޝަރުމާ އަދި ޖޯނީ ލިވަ--ފޮޓޯ/މިޑް-ޑޭ

ފިލްމަކުން ވިޔަސް ނުވަތަ ޝޯއަކުން ވިޔަސް ބެލުންތެރިން ހެއްވާލުމަކީ ހީކުރާ ވަރަށް ވުރެ މާ އުނދަގޫ, ގޮންޖެހުންތައް ގިނަ މަސައްކަތެކެވެ.

ޕްރޮފެޝަނަލްކޮށް ކޮމީޑިއަނުންގެ ގޮތުގައި މަސައްކަތް ކުރަމުން ފަންނާނުން, އިންޑިއާގައި ހެއްވާ މަޖާ ޖޯންރާތަކުގެ ފިލްމުތައް އުފައްދާ މިންވަރު މިފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާކާރު އެކްޓަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގެ ކޮމެޑީ ބައިން ފެނިފައިވާ އެކްޓަރު ޖޯނީ ލީވާއެވެ.

ޖޯނީ ލީވާއަށް ފަހު ކޮމީޑިއަނުންގެ ގޮތުގައި މަސައްކަތް ފެށި ފަންނާނުންގެ ތެރެއިން ދެން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދީ މިހާރުވެސް އަމިއްލަ ކޮމެޑީ ޝޯއެއް ގެނެސްދެމުން އަންނަ ކަޕިލް ޝަރުމާއެވެ.

ކަޕިލްއާ އެކު "ދަ ކަލިޕް ޝަރުމާ ޝޯ"އިން ބޮޑު މަގުބޫލުކަމެއް ހޯދި އަންހެން ކޮމީޑިއަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކަޕިލް ޝަރުމާގެ ހިޔަލުގައި އެ ދާއިރާއަށް ދެން ތައާރަފުވި ފަންނާނުންގެތެރޭގައި ބާތީ ސިންގް، ކްރުޝްނާ އަބިޝޭކް، ސުނިލް ގްރޯވާ އަދި ކީކޫ ޝާރުދާ ހިމެނެއެވެ.

މީގެއިތުރުން ބޮލީވުޑް ފިލްމުތަކުގެ ކޮމެޑީ ރޯލްތަކުން ފެންނަން ފެށި ރާޖްޕަލް ޔާދަވް އަދި ނެޓްފްލިކްސްގެ ކޮމެޑީ ޝޯތަކާއި ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ ވީރު ދާސް އަކީ ވެސް ކޮމީޑިއަނުންގެ ގޮތުގައި ބެލުންތެރިންގެ މެދުގައި މަގުބޫލު ދެ ފަންނާނުންނެވެ.

ކޮމެޑީ ރޯލްތަކުން އާ މޫނުތައް ނުފެންނަ މައިގަނޑު ސަބަބަކީ، އެ މަސައްކަތުން މާބޮޑު އާމްދަނީއެއް ނުލިބުން ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ކޮމީޑިއަންއެއްގެ ގޮތުގައި ކެރިއަރު ބިނާކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ ދާއިރާ އަކީ ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކަމަށް މަޝްހޫރު ކޮމޭޑިއަން ބާތީ ސިންގް ވަނީ ބުނެފައެވެ.

ބޮލީވުޑްގައި ފާހަގަކޮށްލެވޭ މި ކޮމީޑިއަނުންގެތެރޭ މިހާރުވެސް ބޮޑު އާމްދަނީއެއް ހޯދައި، ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ފަންނާނުން އެބަތިއްބެވެ. އޭގެތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ފަންނާނަކީ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ހޯސްޓު ކަޕިލްއެވެ.

ކަޕިލް ހުށަހަޅައިދޭ ކޮންމެ ޝޯއަކުން އޭނާއަށް ލިބޭ އާމްދަނީގެ އަދަދު ގާތްގަނޑަކަށް އެއް ލައްކަ ޑޮލަރަށް އަރާއިރު ކޮމެޑީ ޝޯތަކުންނާއި ފިލްމުތައް ކުޅެގެން ލިބޭ އާމްދަނީއާއެކު ކަޕިލްގެ މިލްކިއްޔާތުގެ އަގު 36.14 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ކަޕިލްއަށް ފަހު ކޮމީޑިއަންގެ ގޮތުގައި މަސައްކަތްކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދެވަނަ ފަންނާނަކީ ތަޖުރިބާކާރު އެކްޓަރު ޖޯނީ ލިވާއެވެ. ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ކޮމޭޑިއަންއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އެކްޓަރުގެ މިލްކިއްޔާތުގެ އަގު 27.11 މިލިއަން ޑޮލަރަށް އަރާއިރު ޖޯނީއަށް ފިލްމުތަކުން ލިބޭ އާމްދަނީގެ އަގު ތިން ލައްކަ ޑޮލަރަށް އަރައެވެ.

ޖޯނީ ލިވާއަށް ފަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކޮމީޑިއަން އަކީ ކަޕިލްއާ އެކު މަސައްކަތް ކުރަމުން އަންނަ އެކްޓަރު ގޯވިންދާއަށް ބޮޑު ބޭބެ ކިޔާ ކްރަޝްނާ އަބިޝޭކްއެވެ.

ކްރަޝްނާއަށް ކޮމީޑިއަން ޝޯތަކުން ލިބޭ އާމްދަނީގެ އަދަދު 14,000 އެމެރިކާ ޑޮލަރަށް އަރާއިރު އޭނާގެ މިލްކިއްޔާތުގެ އަގު 4.82 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

comment ކޮމެންޓް