ބްލެކްއައުޓަށް ހަފުތާއެއް ނުވެ، މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލެ: މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މުޅި މާލެއާއި ހުޅުމާލެ ބްލެކްއައުޓަކަށް ދިޔަތާ ހަފުތާއެއް ނުވެ، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އަލުން ޚިދުމަތް ދެވޭނީ ކިހާއިރަކު ކަމެއް ހާމަކޮށްފައިނުވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓުތަކުގައިވާ ގޮތުން ކަރަންޓު ކެނޑުނީ 12:40ހާއިރެވެ. އަދި ހުޅުމާލޭ ދެ ފިޔަވަހީގެ ވެސް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް މިފަހުން ހިނގަފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު މުޅި މާލެއާއި ހުޅުމާލެއަށް ކަރަންޓު ކެނޑިފައިވެއެވެ. އެގޮތުން އެ ދުވަހު 9:30ހާއިރު ކަރަންޓު ކެނޑުނުއިރު، 10:17ހާއިރު އަލުން ކަރަންޓު ދޭން ފެށިއެވެ. އެ މަސައްކަތުން މުޅި މާލެއާއި ހުޅުމާލެއަށް އެއްކޮށް ކަރަންޓު ދީ ނިމުނީ، ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރާއި 40 މިނެޓް ފަހުން، 12:13ގައެވެ.

އޭގެ ކުރިން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔައިރު، ޖެހިގެން އައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި، އަނދިރީގައި މީހުން ތިބެން ޖެހުނެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ ގިނަ ބަޔަކު ދިރިއުޅޭ މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން ދިމާވި ސަބަބާ ގުޅޭ ގޮތުން "ސަން"އިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާ ސުވާލުކުރުމުން ވިދާޅުވީ، ދިމާވި މައްސަލަ އެނގޭ ކަމަށާއި އެއީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގެ އިތުރު މައުލޫމާތަށް އެދުމުން ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓެކްނިކަލް ތަފުސީލުތައް އެވަގުތު ދެވެން ނެތް ކަމަށެވެ.

ކަރަންޓު ވިއުގަޔަކުން ގުޅާލައިފައިވާ މާލެއާއި ހުޅުމާލޭ ދެ ފިޔަވަހިން އެެއް ފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރުވުމާ ގުޅޭ ގޮތުން ފަހުމީ ވިދާޅުވީ، އެފަދަ ހާލަތްތައް ދިމާނުވާނެކަން ކަށަވަރު ކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ކުއްލިއަކަށް ކަރަންޓު ކެނޑުމަކީ ޚިދުމަތްތައް މެދުކެނޑި، ގިނަ ދަތިތަކެއް ދިމާވާ ކަމެކެވެ. އޭގެ ސަބަބުން، ކަރަންޓު ބޭނުންކުރާ ސާމާނަށް ގެއްލުންތައް ލިބި، ވިޔަފާރިތަކަށް ވެސް ގެއްލުމާ ކުރިމަތިލާން ޖެހެއެވެ.

https://www.sun.mv/209730

މިދިޔަ ޖޫން މަހު ކަރަންޓު ކެނޑި ގިނައިރުވުމުން، ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑާލައި، ކުދިން ގެއަށް ފޮނުވާލަން ޖެހުނެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންގެވިއެވެ. އެހެންވެ، ފުލުހުން އެ މައްސަލައިގެ ޚާއްސަ ތަހުގީގެއް ފެށި ނަމަވެސް، ތަހުގީގުގެ ނަތީޖާ މިހާތަނަށް ވެސް ހާމަކޮށްފައި ނުވެއެވެ.

comment ކޮމެންޓް