ދޯނީގައި ރޯވުން: ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ދޯނީގައި އަލިފާން ރޯވެފައި: އެމްއެންޑީއެފުން ވަނީ ދޯނީގެ ބައެއް ބައިތައް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފައި --- ފޮޓޯ/ ފުލުހުން

މިއަދު މާލެއާ ކައިރިން 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ދޯނި އަޑިއަށް ގޮސް ދޯނީގެ ބައެއް ތަކެތި އޮޔާދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

"ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ މި ދޯނީގައި އަލިފާން ރޯވީ މެންދުރުފަހު 2:55 ހާއިރެވެ.

މި ހާދިސާގައި ދޯނީގެ ބޮޑުބައެއް އަނދައި، ކުރުނބާ ރިސޯޓުގެ އުޅަނދެއްގައި ފަސް މީހަކަށް މާލެ ގެނެސް މިހާރު އަންނަނީ ފަރުވާދެމުންނެވެ.

https://sun.mv/217921

އެމްއެންޑީއެފުން ވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ދޯންޏާއި ދޯނީގައިވާ ބައެއް ތަކެތި ކ. ދޫނިދޫގެ ހުޅަނދު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެ ތަކެތި އޮޔާދާނެކަމަށް ލަފާކުރެވެނީ ދޯނި އަޑިއަށްދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށް، އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް، ވަކިން ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ފުލުހުން މިއަދު ބުނީ، އެ ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވި ކަމަށެވެ. އެ އެންމެން ވެސް މާލެ ގެންގޮސް، ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ، ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ.

ހާދިސާގެ މައުލޫމާތު އެނގޭ މީހަކު 'ސަން'އަށް ބުނީ، މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

ފުރަތަމަ ރޯވެފައިވަނީ ދޯނީގެ އިންޖީނާ ހުރި ފަޅީގައި ނަމަވެސް މިހާރު ދޯނީގެ ބޮޑުބައި އެއްކޮށް އަނދާފައިވާކަން ފޮޓޯތަކުން އެނގެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އެ ގޮތުން، އެ ދޯނީގެ ފަހަތުކޮޅުގައި އެއްކޮށްހެން ވަނީ ހުޅު ހިފާފައެވެ.

މި ހާދިސާ ހިނގީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ހާދިސާއަށް ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން 3:39 އެހާކަންހާއިރު އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް