ދޯނީގައި ރޯވުން: މިވަގުތު ފަރުވާދެމުން އަންނަނީ 53 އަހަރުގެ ދިވެއްސަކަށް

ދޯނީގައި ރޯވި އަލިފާން ނިވާލަނީ: ފަސް މީހަކަށް އަނިޔާވި، އެކަކަށް އަންނަނީ ފަރުވާދެމުން -- ފޮޓޯ/ އެމްއެންޑީއެފް

މިއަދު މާލެއާ ކައިރިން 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހޮސްޕިޓަލަށް ގެނެސް މިވަގުތު ފަރުވާދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް، އައިޖީއެމްއެޗުން މިރޭ ބުނެފިއެވެ.

މިއަދު މެންދުރުފަހު ގާތްގަނޑަކަށް ތިނެއް ޖަހަނިކޮށް ހިނގި މި ހާދިސާގައި، ޖުމުލަ 15 މީހުންނާއެކު ދަތުރުކުރި އެ ދޯނިން ފަސް މީހަކަށް އަނިޔާވެ، އެ މީހުންނަށް ފަރުވާދެމުން އަންނަ ކަމަށް، ފުލުހުން އޭރު ބުންޏެވެ.

އައިޖީއެމްއެޗުން 'ސަން'އަށް މިރޭ ބުނީ، ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ހޮސްޕިޓަލަށް ގެނައީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ވޯޑުގައި އެނދުމަތިކޮށް ފަރުވާދެމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.

"ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ މި ދޯނީގައި އަލިފާން ރޯވެ، ދޯނީގެ ބޮޑުބައެއް އަނދައި، ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައީ ކުރުނބާ ރިސޯޓުގެ އުޅަނދެއްގައެވެ.

ހާދިސާގެ މައުލޫމާތު އެނގޭ މީހަކު 'ސަން'އަށް ބުނީ، މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

ފުރަތަމަ ރޯވެފައިވަނީ ދޯނީގެ އިންޖީނާ ހުރި ފަޅީގައި ނަމަވެސް މިހާރު ދޯނީގެ ބޮޑުބައި އެއްކޮށް އަނދާފައިވާކަން ފޮޓޯތަކުން އެނގެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އެ ގޮތުން، އެ ދޯނީގެ ފަހަތުކޮޅުގައި އެއްކޮށްހެން ވަނީ ހުޅު ހިފާފައެވެ.

މި ހާދިސާ ހިނގީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވަނީ، މި ހާދިސާގެ ސަބަބުން ދޯނި އަޑިއަށް ގޮސް، ދޯނީގެ ބައެއް ބައިތައް އޮޔާދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް