ވީވޯއިން ދާދިފަހުން އިންޑިއާގައި ނެރުނު ވީ70 ސީރީޒްގެ ފޯނުތަކަށްފަހު، އެ ސީރީޒްގައި ހިމެނޭ "ވީވޯ ވީ70 އެފްއީ" ފޯނުގެ މުހިންމު މައުލޫމާތުތަކެއް އިންޓަނެޓުގައި ލީކުވެއްޖެއެވެ.
އެ ސީރީޒްގައި މިހާރު ހިމެނެނީ ވީ70 އެލީޓް އަދި ވީ70 އެވެ. ނަމަވެސް ޓެކް ދާއިރާގެ ޚަބަރުތައް ގެނެސްދޭ ޕަރާސް ގުގްލާނީ ހާމަކޮށްފައިވާ ގޮތުގައި، ވީ70 އެފްއީ ފޯނު އަންނަ ހޮނިހިރު ދުވަހު ލޯންޗުކުރާނެއެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވީވޯ ވީ70 އެފްއީގައި ހިމެނޭނީ 6.83 އިންޗީގެ 1.5ކޭ އެމޮލެޑް ޑިސްޕްލޭއެކެވެ. މިއީ 120 ހާޓްޒްގެ ރިފްރެޝް ރޭޓް ލިބޭ ސްކްރީނެކެވެ. މި ފޯނު މަސައްކަތް ކުރާނީ ހަތަރު ނެނޯމީޓަރުގެ މީޑިއާޓެކް ޑައިމެންސިޓީ 7360 ޓާބޯ ޗިޕްސެޓަކާއެކުގައެވެ. އަދި ސޮފްޓްވެއާގެ ގޮތުގައި އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ އޮރިޖިން އޯއެސް 6 ހިމެނޭއިރު، ހަ އަހަރު ދުވަހަށް އޯއެސް އަޕްޑޭޓް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކުގެ ތެރޭގައި އޭގެ ބިޔަ ބެޓެރި ހިމެނެއެވެ. އެގޮތުން 90 ވޮޓްގެ ފާސްޓް ޗާޖިން ސަޕޯޓުކުރާ 7،000 އެމްއޭއެޗްގެ ބެޓެރިއެއް މި ފޯނުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.
ފޮޓޯ ނެގުމަށްޓަކައި ފޯނުގެ ފަހަތުގައި ބޭސްގުޅައެއްގެ ބައްޓަމަށް ހުންނަ ކެމެރާ މޮޑިއުލްއެއްގައި ދެ ކެމެރާ ހުންނާނެއެވެ. އެއީ އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) އާއެކު އަންނަ 200 މެގަޕިކްސެލްގެ މައި ކެމެރާއަކާއި 8 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެކެވެ. އަދި ސެލްފީ ނެގުމަށް ކުރިމަތީގައި 32 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭއިރު، މި ފޯނުން 4ކޭ ކޮލިޓީގެ ވީޑިއޯ ރެކޯޑު ކުރެވޭނެއެވެ.
މި ފޯނު ބާޒާރަށް ނެރޭނީ މިއުޒް ޕާޕަލް، އޯޝަން ބްލޫ އަދި ޓައިޓޭނިއަމް ސިލްވާ ކުލައިގައެވެ. މެމޮރީގެ ގޮތުގައި 8 ޖީބީ ރެމް އާއި 12 ޖީބީ ރެމްގެ އިތުރުން 256 ޖީބީ އާއި 512 ޖީބީގެ ސްޓޯރޭޖް އޮޕްޝަންތައް ލިބެން ހުންނާނެ ކަމަށް ބެލެވެއެވެ.
ލީކުވެފައިވާ ފޮޓޯތަކުން ދައްކާގޮތުގައި ފޯނުގެ ޑިޒައިން ހުންނާނީ ފަހަތް ފްލެޓްކޮށް، ވީވޯގެ ލޯގޯ ތިރީ ވާތް ފަރާތުގައި އިންނަ ގޮތަށެވެ.
ފެނާއި ހިރަފުހުން ރައްކާތެރިވުމަށް އައިޕީ68 އަދި އައިޕީ69 ގެ ރޭޓިން މި ފޯނަށް ލިބިފައިވާއިރު، ޑުއަލް ސްޓީރިއޯ ސްޕީކަރުވެސް މި ފޯނުގައި ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.