މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކު މިއަދު ހުޅުވައިފިއެވެ.
ސްޕީޑް ސްކޭޓިން ޓްރެކަކާއި ސްކޭޓް ބޯޑު ޕާކެއް ހިމެނޭ ގޮތަށް ތަރައްގީކުރި މި ސްކޭޓިން ޕާކު ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ސްކޭޓު ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢު ވިދާޅުވީ، މިއަދު ހުޅުވި ސްކޭޓު ޕާކުގެ ސަބަބުން، ސްކޭޓުކުރާ ކުދިންގެ ހުނަރު އާލާކުރެވި، ރާއްޖެއަށް ސްކޭޓުކުރުމުގެ ކުޅިވަރުން ރީތި ނަމެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ސްކޭޓު ޕާކު ތަރައްގީކުރީ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުންނެވެ.

އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް -- ފޮޓޯ: ރައީސް އޮފީސް
މި ސްކޭޓް ޕާކު ހުޅުވުމާ ހަމައަށް، ސްކޭޓުކުރުމަށް އުސްފަސްގަނޑުގެ ވަކި ސަރަހައްދެއް ގިނަ އަދަދެއްގެ ކުދިން ބޭނުންކުރެއެވެ.
މާލޭގައި ސްކޭޓް އެރީނާއެއް ތަރައްގީ ކުރާއިރު ހުޅުމާލޭ ރެޑްބުލް ޕާކާއި ސެންޓްރަލް ޕާކްގައި މިހާރު ވެސް ސްކޭޓް ކުރަން ޚާއްސަ ސަރަހައްދުތައް ހުރެއެވެ.
ސްކޭޓް ކުރުމަކީ ގިނަ އަދަދެއްގެ ކުޑަކުދިން ވަރަށް ލޯބިކުރާ ކުޅިވަރެކެވެ. ވަކިވަކި ޓީމްތައް ހަދައިގެންނާއި ކޯޗުން ބޭނުންކޮށްގެން މާލެ ސަރަހައްދުގައި ގިނަ ކުދިންތަކެއް މި ކުޅިވަރު ކުޅެއެވެ.