މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރު މަގާމަށް، ކުރިން ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި, ޙުސެއިން ފަހުމީ މިއަދު އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ވަނީ ފަހުމީ އެމްޑަބްލިޔުއެސްސީގެ ވެރިއަކަށް އައްޔަން ކުރެއްވިކަން ހާމަކޮށްފައެވެ.
ސްޓެލްކޯގައި 27 އަހަރަށް ވުރެން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފަހުމީ އެ ކުންފުނިން ވަކިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއަށް ފަހު މިނިސްޓަރެއްގެ ފެންވަރުގައި އޭނާއަށް ވަނީ, ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމު ދެއްވައިފައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި, އަބްދުލް މަތީން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ބައެއް ކުންފުނިތަކުގެ އިސް ވެރިންގެ އިސްތިއުފާ އާއި މަގާމުން ވަކިކުރުން ގިނަ ވެފައި މި ވަނީ އެންމެ ފަހުން ބޭއްވި ބޮޑު އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައި ވަނިކޮށެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން, މުޙައްމަދު ރިޝްވާން ވަނީ މި ފަހުން އިސްތިއުފާ ދެއްވައިފައެވެ.
ހަމަ އެހެންމެ މި ފަހުން, އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުޙައްމަދު ނަޖާޙް ވަނީ ވަކިކުރައްވައިފައެވެ.
ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވި, ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 28، 2023ގައެވެ.
ފަހުމީ މަގާމުން ވަކިކުރިއިރު، މުޅި މާލެއާއި ހުޅުމާލޭން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ކައިރި ކައިރީގައި ހިނގައި، ސްޓެލްކޯއަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.